އެމްޑީޕީގެ ހައްޤު ކޮމިޓީގެ މެމްބަރު މަމްދޫހާ އެޕާޓީން އިސްތިއުފާ ދީފި

އެމްޑީޕީގެ ހައްޤު ކޮމިޓީގެ މެމްބަރު އައިޝަތު މަމްދޫހާ އެ ޕާޓީން އިސްތިއުފާ ދީފިއެވެ.
މަމްދޫހާ އެމްޑީޕީން އިސްތިއުފާ ދިންކަން އިއުލާންކޮށްފައި ވަނީ މިއަދު ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މަމްދޫހާ އިސްއުފާ ދީފައި މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރި މުޒާހަރާގައި ބައިވެރިވުމުގެ ސަބަބުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލިތާ އެއްދުވަސް ފަހުންނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން މަމްދޫހާ ބުނެފައި ވަނީ އޭނާ އެމްޑީޕީން ވަކިވީ އިތުރަށް އެޕާޓީގައި "ކެތް ނުވެގެން" ކަމަށެވެ. އެމްޑީޕީގައި އަންހެނުންނަށް އެއްވެސް ކުރިއެރުމެއް ނެތް ކަމަށާއި، އެ ޕާޓީއަކީ އިންސާފުވެރި ޕާޓީއެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.
މަގާމުން އިސްތިއުފާ ނުދިނުމަށް އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެސެޖެއް ފޮނުވި ކަމަށް މަމްދޫހާ ބުންޏެެވެ. އެހެން ނަމަވެސް ދެން ދުވަހަކުވެސް އެމްޑީޕީއާއި ނުގުޅޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އެމްޑީޕީ އާއި ގުޅިގެން ދެން އަޅުގަނޑު މަސައްކަތް ކުރާނެ ދުވަހަކީ ނުފެންނާނެ ދުވަހެއް."، މަމްދޫހާ ބުންޏެވެ.
މަމްދޫހާ ބުނީ އަދި އެއްވެސް ޕާޓީއަކާ ނުގުޅޭ ކަމަށާއި، އެހެން ނަމަވެސް އޭނާއަށް ސިޔާސީ ދާއިރާގައި ކުރިއަށް ދެވެން އަންނަނީ އެހެން ޕާޓީ އަކާއި ގުޅިގެން ކަމަށެވެ.
އެއާޕޯޓުގައި ކުރި މުޒާހަރާއާއި ގުޅިގެން މަމްދޫހާ ބުނީ އެއާޕޯޓަކީ އެއްވެ އުޅުން މަނާކޮށްފައިވާ ތަނެއް ކަން ނޭނގޭ ކަމަށާއި، އެތަނަށް ފޮނުވި އިރު އެމްޑީޕީގެ އިސް އެއްވެސް ފަރާތަކުން އެއީ ގްރީން ޒޯނެއްކަން އަންގާފައި ނުވާކަމަށެވެ. މަމްދޫހާ ބުނީ މިއަދު 15 މީހެއްގެ މައްޗަށް އެމައްސަލައިގައި ދައުވާ ކޮށްފައި ވާއިރު މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށެވެ.
މީގެ ކުރިން މަމްދޫހާ ރާއްޖެ ޓީވީގައި ބުނެފައި ވަނީ އެމީހުން އެތަނަށް ދިޔައީ ސައިތަށްޓެއް ބޯލަން ކަމަށެވެ. އަދި އެތަނުގައި ރީތިކޮށް ތިއްބައި ފުލުހުން އައިސް ހައްޔަރު ކުރީ ކަމަށެވެ. ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެއާ ތަފާތު ގޮތަކަށް މަމްދޫހާ ވާހަކަދެއްކުމުން "ވަގުތުން" ކުރި ސުވާލަކަށް ޖަވާބު ދެމުން މަމްދޫހާ ބުނީ ހައްޔަރު ކުރި އިރު ތިބީ ސައި ބޯން ކަމަށާއި، މިއީ މިހާރުވެސް ހިނގަމުން އަންނަ މައްސަލައަކަށް ވުމުން އިތުރު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
މަމްދޫހާ ވަނީ އެއާޕޯޓް މުޒާހަރާގައި ބައިވެރިވި ގިނަ މީހުންނަށް އެއީ ގްރީން ޒޯނެއްކަން ނޭނގޭ ކަމަށް ބުނެ، ޕީޖީ މުހުތާޒު މުހުސިންގެ ކިބައިން އެންމެ ފަހަރެއް ކަމަށް ނަމަވެސް މައާފު ދިނުމަށް އެދިފައެވެ.
މަމްދޫހާ މިއަދު ވަނީ އެމްޑީޕީގެ ސިޔާސަތު ތަކަށް ފާޑު ކިޔާފައެވެ. އެގޮތުން އެމްޑީޕީން ޑިމޮކްރަސީއެއް ނުގެންގުޅޭ ކަމަށާއި، އެ ޕާޓީގައި އެއްވެސް ހަމައެއް އިންސާފެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ. އޭނަ ވަނީ 2014 ވަަނ އަހަރުގެ މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކަންތައް ހިނގައި ދިޔައ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައި ވާހަކަ ދައްކާފައެވެ.
ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އިންސާފުންތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދިނުމުގައި މަމްދޫހާ ވަނީ ފަސްޖެހިފައެވެ.
"އަޅުގަނޑު ނޭދެން 13 އަހަރު ވަންދެން ރައީސް ނަޝީދު ޖަލުގައި އިންނާކަށް." ، މަމްދޫހާ ބުންޏެވެެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާއި ގުޅުވައިގެން މަމްދޫހާ ބުނެފައި ވަނީ އެއީ އެއްވެސް ނަތީޖާއެއް ނުކުންނާނެ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި މަގުމަތިން އެއްވެސް ކަމެއް ހާސިލްވާނެ ކަމަށް އެއްވެސް ގޮތަކަށް ގަބޫލު ނުކުރާ ކަމަށް އޭނާ ބުންޏެވެެ. އަދި ޑިމޮކްރަސީ އަކީ ރައީސް ނަޝިދު ކަމަށް ޤަބޫލު ނުކުރާ ކަމަށްވެސް އޭނަ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ