ރައީސް ޔާމީން ޖަލުގައި އޮތުމަކީ އަަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރު: އަބްދުއްރަހީމް

ކުރީގެ ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނަށް ލިބިގެންދާ އެންމެ ބޮޑު ހިތްވަރުކަމަށް އެ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިފަދައިން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން އިއްޔެ ހަވީރު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމަށްފަހު ދޫކޮށްލުމުން، އަތޮޅުވެހީގެ ބޭރުގައި ހުންނަވާ ޗެނަލް13އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޕީއެންސީގެ ރައީސްކަންވެސް ކުރައްވާ އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުން ސަރުކާާރަށް ނޫނެކޭ ބުނެފިކަން އިއްޔެގެ މުޒާހަރާއިން އެނގިގެންގޮސްފައިވާ ކަމަށާއި، އެހާ ވަރަށް ފުލުހުން ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަން މަސައްކަތްކޮށްފައިވަނީ އެ ސަބަބާއި ހެދިކަމަށެވެ. އަދި އަތޮޅުވެހި ތެރޭގައި ހޭދަކުރި ވަގުތުގައި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށްކަމަށްވެސް ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ މިގޮތަށް އެބޭފުޅުން ހައްޔަރުކޮށްގެން ނުހުއްޓުވޭނެކަމަށާއި، ދުވަހެއް ދުވަހަކަށް މުޒާހަރާތައް ވަރުގަދަވަމުންދާނެ ކަމަށެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ އެބޭފުޅުންނަށް ލިބިގެންދާ އެންމެ ބޮޑު ހިތްވަރުކަމަށެވެ. އަދި އެމަނިކުފާނު އެދައްކަވާ ހިތްވަރުން ހިތްވަރު ލިބިގެން ގައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ޕީޕީއެމް އަދި ޕީއެންސީން ކުރިއަށް އޮތް ތަނުގައި މާ ޖޯޝްގައި މަސައްކަތްކުރާނެކަމަށްވެސް ވިދާޅުވިއެވެ.
"މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި އިދިކޮަޅު ކޯލިޝަނުން އިންތިޒާމްކުރި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 3 މީހުން ފިޔަވައި، ބާކީތިބި އެެންމެން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފްވުމުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ