އީރާނާ އެކު ހަނގުރާމަ އަކަށް ދާންބޭނުން ނުވާ ކަމަށް ސައޫދީ ބުނެފި
ރިޔާޟް (ޖަނަވަރީ 8) : އީރާނާ އެކު ހަނގުރާމައަކަށް ދާންބޭނުން ނުވާކަމަށް ސައޫދީ އަރަބިޔާ ބުނެފި އެވެ. ސައޫދީ އަރަބިޔާގެ އެންމެ ނުފޫޒު ގަދަ ޝަޚްސިއްޔަތު ކަމަށް ސިފަކުރެވޭ އެ ގައުމުގެ ދިފާއީ ވަޒީރު އަދި ވަލީއުލްއަހްދުގެ ނައިބު އަދި ރަސްގެފާނުގެ ދަރިކަލުން އަލްއަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވީ އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަކީ ހަމަބުއްދި ހުރި މީހަކު ކުރާނެ ކަމެއް ނޫންކަމަށާއި އޭނާގެ ގައުމުން އެފަދަ ޅައެއްޗެއް ނާޅާނެ ކަމުގަ އެވެ. އަމީރު މުހައްމަދު ވިދާޅުވީ ސައޫދީ އާއި އީރާނާ ދެމެދު މައްސަލަ ޖެހުނީ އީރާނުގެ ސަބަބުންކަމަށާއި ސައޫދީގެ ސަބަބުން ނޫންކަމުގަ އެވެ. ނަމަވެސް ދެ ގައުމުގެ އަރާރުންތައް މިހާރު ގޮސްފައިވާ ވަރަށް ވުރެ މައްޗަށް ގެންދަން ދެން ސައޫދީ ސަރުކާރު ބޭނުން ނުވާކަމަށް އަމީރު މުހައްމަދު ވިދާޅުވި އެވެ. އީރާނުން ސައޫދީ އާމެދު ގެންގުޅޭ ހަތުރުވެރިކަން ކުޑަކޮށްފި ނަމަ އީރާނާ އެކު ޑިޕްލޮމެޓިކް ގުޅުންތަކާއި އިގްތިސާދީ ގުޅުންތައް އަލުން ގާއިމްކުރަން ސައޫދީ ތައްޔާރަށް އޮތްކަމަށް ވެސް އަމީރު މުހައްމަދު ވިދާޅުވި އެވެ. މުހައްމަދުގެ ބައްޕަ ސަލްމާން ރަސްގެފާނުގެ ރަސްކަމުގައި އޭނާއަށް ވަނީ ސައޫދީ އެއްވެސް މަސްއޫލުވެރިއަކަށް މިހާތަނަށް ނުދެއްވާ ފަދަ ބޮޑެތި ބާރުތަކެއް ދެއްވާފައިފަ އެވެ. އުމުރުން 30 އަހަރު ވެސް ނުވާ ތަޖްރިބާކުޑަ އަދި ވަރަށް ޒުވާން އަމީރަކަށް ދިފާއީ ވަޒީރުކަމާއި ވަލީއުލްއަހްދުގެ ނައިބުކަމާ އެކު ބޮޑެތި ބާރުތަކަކާއި އިޚްތިޔާރުތަކެއް ދެއްވާފައިވުމުގެ ސަބަބުން ސައޫދީ ޝާހީ އާއިލާގެ ބައެއް މެންބަރުންގެ ތެރޭގައި ހިތްހަމަނުޖެހުންތައް ހުރިކަމަށް ހުޅަނގުގެ ބައެއް ރިޕޯޓްތައް ބުނެ އެވެ. އަމީރު މުހައްމަދުގެ ދިފާއީ ވަޒީރުކަމުގައި ސައޫދީ އަރަބިޔާ ވަނީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ހަނގުރާމައެއްގެ ތެރެއަށް ސީދާގޮތެއްގައި ވަދެފަ އެވެ. އެއީ ޔަމަންގެ ހަނގުރާމަ އެވެ. މިހަނގުރާމައިގެ ސަބަބުން ޔަމަނުގެ އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި އެގައުމުގެ އިންފްރާސްޓްރަކްޗާ ހަލާކުވަމުންދާ އިރު އީރާނަށް ތާއީދުކުރާ ހޫޘީ ޝިޔައީ ޖަމާއަތް ބަލިކޮށްލުމުގައި ސައޫދީ އިސްކޮށް ހަރަކާތްތެރިވާ އަރަބި އެލަޔަންސަށް އަދި ކާމިޔާބު ލިބިފައެއް ނުވެ އެވެ. އަދި ތެލުގެ އަގު ދަށަށް ގޮސްފައިވާ މިދުވަސްވަރު މިކަމުގެ ސަބަބުން ސައޫދީ އަރަބިޔާގެ ބަޖެޓަށް ބާރުބޮޑުވަމުން ދާކަމަށް މުހައްލިލުން ދެކެ އެވެ. ޔަމަންގެ ހަނގުރާމައިގެ އިތުރުން އަމީރު މުހައްމަދުގެ ދިފާއީ ވަޒީރުކަމުގައި އީރާނާ ކުރުމަތިލުމުގައި ވެސް ސައޫދީ އަރަބިޔާގެ ފަރާތުން ކުރިން ނެފެންނަ ސިޔަސަތުތަކެއް މިފަހަކަށް އައިސް ވަނީ ފެންނަން ފަށާފައި ކަމަށް ސައޫދީ ޝާހީ އާއިލާއަށް ތާއީދުކުރާ ހުޅަނގުގެ މީޑިއާ އިން ވެސް ސިފަކުރަމުން ގެންދެ އެވެ. ސައޫދީ އަރަބިޔާގެ ޝިޔައީ އިސް އިލްމުވެރިއެއް ކަމަށްވާ ނިމްރު ބާގިރް އައްނިމްރުއަށް މިދިޔަ ހޮނިހިރު ދުވަހު އެގައުމުން މަރުގެ އަދަބު ދިނުމާ އެކު އީރާނުން ވަނީ ރުޅިވެރިކަން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލާގައި ރުޅިގަދަވެފައިވާ އީރާނުގެ އާންމުންގެ ބަޔަކު ތެހެރާންގައި ހުންނަ ސައޫދީ އެންބަސީގައި ހުޅުޖެހުމާ އެކު ސައޫދީގެ ރުޅިވެރިކަން ކޮޅުންލައި އެގައުމުން ވަނީ އީރާނާ ޑިޕްލޮމެޓިކް ގުޅުންތަކާއި އިގްތިސާދީ ގުޅުންތަކާ އަދި ދަތުރުފަތުގެ ގުޅުންތައް ވެސް ކަނޑާލައިފަ އެވެ. އަމީރު މުހައްމަދުގެ ވާހަކާގައި އެމެރިކާއަށް ވެސް ފާޑު ވިދާޅުވި އެވެ. އީރާނާއި ސައޫދީގެ އަރާރުންތަކުގައި އެމެރިކާގެ ސިޔާސަތު އޮތީ އީރާން ކޮޅަށް ބުރަވާ ފަދަ ގޮތަކަށް ކަމަށާ މިއީ ބޮޑު ބާރެއްގެ ހައިސިއްޔަތުން އެމެރިކާ ގެންގުޅެން އެންމެ ރަނގަނޅު ސިޔާސަތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އަލްއަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ