ދައުލަތާ ދެކޮޅަށް ޔާމީން ކުރައްވާ ދައުވާގެ ޝަރީއަތް: މައްސަލަ ކޯޓުން ނިމެންދެން ކޮމިޝަނަށް އޭނާ ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި އަމުރ

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން މަދަނީ ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާ ރިޔާސީ ކޮމިޝަނަށް ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި ވަގުތީ އަމުރެއް ނެރެދެއްވުމަށް ޝަރީއަތުގެ މަޖިލީހުގައި ޔާމީން އެދިވަޑައިގެންފި އެވެ.
މަދަނީ ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ދައުލަތުގެ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ވިދާޅުވީ ރިއާސީ ކޮމިޝަނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެއް ކަމަށެވެ. އަދި އެ ކޮމިޝަނަށް ދެވޭނީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް އެކަނި ކަމަށް އާޒިމާ ވިދާޅުވި އެވެ.
މީހުން ކޮމިޝަނަށް ހާޒިރު ކުރުމަކީ އެ ކޮމިޝަނަށް އެންގޭނެ އަމުރެއް ނޫން ކަމަށާއި ޔާމީން ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ގާނޫނާ ހިލާފު ކަމެއް ކުރުމަށް އެއްވެސް މީހަކަށް ސަލާމަތީ ބާރުތަކަށް އަމުރެއް ނުކުރެވޭނެ ކަމަށާއި އެފަދަ އަމުރަކަށް ސަލާމަތީ ބާރުތަކުން ތަބާވާން ނުޖެހޭނެ ގާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ފުލުހުންގެ ގާނޫނުގައި ވެސް އެހެން ބުނާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން ނެރެފައިވާ އަމުރުގައި، ފުލުހުންގެ ބެލުމުގެ ދަށުން ޔާމީން ކޮމިޝަނަށް ހާޒިރު ކޮށްދޭން އެދިފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެއްވެސް މީހެއްގެ ނުގަބޫލުގައި އޭނާ ލައްވާ ކަމެއް ކުރުވުމަކީ އޭނާގެ މިނިވަންކަން ހިފެހެއްޓުން ކަމަށާއި އެއީ ހައްޔަރު ކުރުން ދެކިވަޑައިގަންނަވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި ހައްޔަރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ފުލުހުން ވެސް ކުރަން އުޅުނީ ވެސް އަދި ކޮމިޝަނުން ކުރީ ވެސް ގައިރު ދުސްތޫރީ އަމަލެއް ކަމަށެވެ. އަދި ފުލުހުން އެމީހުންގެ ޒިންމާ އަދާކުރުމުގައި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވާންވާނެ ކަމަށް ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ޔާމީން ކޮމިޝަނަށް ހާޒިރު ކުރުމަށް ފުލުހުން މަސައްކަތް ކުރިއިރު އެ ކޮމިޝަނަށް ޔާމީން ހާޒިރުވިކަން ނުވަތަ ނޫންކަން ފުލުހުން ސާފު ކޮށްފައި ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ކޮމިޝަނުގެ އެ އަމުރަކީ ގާނޫނީ އަމުރެއްތޯ ވެސް ފުލުހުން ސާފުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލައިގައި ހެއްކެއްގެ ގޮތުން އާޒިމާ ވަނީ ތިން ފުލުހެއްގެ ނަން ހުށަހަޅައިފަ އެވެ. އާޒިމާ ވިދާޅުވީ އެއީ ޔާމީނާ ސުވާލު ކުރި ފުލުހުންނާއި ކޮމިޝަނަށް ގެންދިއުމަށް ނެރުނު އަމުރު ހިފައިގެން ޑީއާރުޕީގެ އޮފީހަށް އައި ފުލުހުން ކަމަށެވެ.
އެ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ވަޑައިގެންނެވި ވަކީލު އެދިވަޑައިގެންނެވީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށްވުމާ އެކު ދިރާސާކޮށް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ދެއްވުމަށެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އަލީ ސަމީރު ވިދާޅުވީ އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށާއި ޖަވާބުދާރީވާން 10 ދުވަސް ގިނަ ކަމަށެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އަންނަ ހޯމަ ދުވަހު ވަގުތީ އަމުރާ ބެހޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ