ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން ސ. ހިތަދޫ ސްކޫލުގައި ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް އެ ސްކޫލްގެ ގޯތިތެރޭގައި ބަޔަކު އަޑުގަދަކޮށް، ފުރާޅަށް ގާ އުކައި، ހޯލުން ކަރަންޓް ކަނޑާލައި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ 30: 9 އެހާކަށްހާ އިރު ފެށި ޖަލްސާ ކުރިއަށް ދިޔަ ހޯލުގެ ދެ ފަރާތަށް ބަޔަކު އެއްވެ އަޑުގަދަކޮށް، ޖަލްސާ ނިމެންދެން ހަޅޭއްލަވަމުން ދިޔަ އެވެ. އަދި އެ މީހުން ބޯޑުތަކެއްގައި ލިޔެގެން އެ ޕާޓީގެ އިސް ވެރިންނާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައިވެ އެވެ. އެ މީހުން ގެންގުޅުނު ބޯޑުތަކުގައި "ގައުމުން ވައްކަން ހުއްޓުވޭނީ ވިޔަފާރިވެރިން ސިޔާސަތާ ދުރުކޮށްގެން" ފަދަ އިބާރާތްތައް ލިޔެފައިވެ އެވެ. އަދި އަޑުގަދަކުރި މީހުން ހުތުރު ބަހުން ވެސް އަޑުގަދަކޮށް އެ މީހުންގެ ޝުއޫރުތައް ފަޅުކޮށްފައިވެ އެވެ.
ޖަލްސާގައި އަޑުގަދަކޮށްފައި ވަނީ މިދިޔަ މަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކެމްޕޭން ކުރެއްވުމަށް ހިތަދޫގައި ބޭއްވި ޖަލްސާގައި ވެސް އަޑުގަދަކުރި ބައެއް މީހުންކަން ފާހަގަކުރެވިފައި ވެ އެވެ. އެހެންނަމަވެސް މީގެތެރޭގައި ކޮންމެ ވެސް ވަރަކަށް އަންހެނުން ވެސް ހަރަކާތްތެރިވެފައި ވެ އެވެ.
ޖަލްސާ ފެށުނުތަނާހެން އަޑުގަދަކޮށް، އަދި ހޯލުގެ ފުރާޅު މައްޗަށް ބޮޑެތި ގާ އުކަމުން ދިޔަ އެވެ. އަދި ޖަލްސާގެ ނިމެން ވަރަށް ކައިރިވެފައި ވަނިކޮށް ހޯލުން ވަނީ ކަރަންޓް ވެސް ކަނޑާލައިފަ އެވެ. ބަޔަކު އަޑުގަދަކޮށް ހަމަނުޖެހުން އުފެއްދި ނަމަވެސް އެޖެންޑާކޮށްފައިވާ ގޮތަށް ވަނީ ޖަލްސާ ކުރިއަށް ގެންގޮސް ނިންމާލައިފަ އެވެ.
ޖުމްހޫރީ ޕާޓީ އަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވީ އޭނާ ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދެއްވާނެ ކަމަށާއި އައްޑު އަތޮޅުގެ ތަރައްގީ އަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށެވެ.
ޖަލްސާގައި ގާސިމްގެ އިތުރަށް އަދާލަތު ޕާޓީގެ ރައީސް ޝޭހު ހުސެން ރަޝީދާއި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވެސް ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑުމެން ގާސިމަށް ތާއީދު ކުރަން ނިންމީ އޭނާ އަކީ ތަޖުރިބާ ހުރި ކަންތައްތައް ކުރެވޭ އަދި ކުރެވިދާނެކަން އަމަލީ ގޮތުން ދައްކަވައިފައިވާ ބޭފުޅަކަށް ވާތީ. އަދި މީގެއިތުރުން އެބޭފުޅާއަކީ މިތާނގައި ބޭރުގެ އެއްވެސް އެޖެންޑާ އެއް ނުވަތަ ލާދިނީ ފަލްސަފާ އެއް ގެންގުޅުއްވަން ތައާރަފްކުރައްވަން އުޅުއްވާ ބޭފުޅެއް ކަމުގައި ނުވާތީ،" މަޖީދު ވިދާޅުވި އެވެ.
މީގެ އިތުރުން އެމްއެންސީގެ ރައީސް މުހައްމަދު ނައީމު (މޮނާޒާ ނައީމް) އާއި ޖުމްހޫރީ ޕާޓީގެ ނާއިބް ޒައީމް އަބްދުﷲ ޖާބިރު ވެސް ވާހަކަ ދެއްކެވި އެވެ. އެބޭފުޅުންގެ ވާހަކައިގައި، ޖަލްސާ ކުރިއަށް ދިޔައިރު ހަމަނުޖެހުން އުފެއްދި މީހުންނަށް އިޝާރާތްކުރައްވައި ވެސް ވާހަކަ ދެއްކެވި އެވެ. އަދި އެބޭފުޅުން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް އައްޑު އަތޮޅުން 90 ޕަސެންޓް ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރައްވާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާބިތުކަމާ އެކު މިދަންނަވަނީ އަޅުގަނޑުމެންގެ މިދަތުރު އަޅުގަނޑުމެން ކާމިޔާބު ކުރާނަމޭ، އައްޑު އަތޮޅުގެ ރައްޔިތުންނަށް އެބައި މީހުންގެ ގޭގައި އަނބިދަރިންގެ ކައިރީގައި ތިބެގެން އަބުރުވެރި ދިރިއުޅުމެއް އަޅުގަނޑުމެން ޖުމްހޫރީ ގުޅުމުން ހޯދައި ދޭނަން. މިއީ އަޅުގަނޑުމެންގެ ވައުދު،" އެމްއެންސީގެ ރައީސް މޮނާޒާ ނައީމް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ ހިތަދޫން މިރޭ ފެނުނު މަންޒަރުތަކަށް ބަލާއިރު ކަމެއްގައި މީހަކު ފުރަތަމައިނުން ނޫނެކޭ ބުނުމަކީ އޭނާ އާއެކޭ ބުނާނެ ކަމުގެ ހެއްކެއް. މިތާ އިދިކޮޅަށް ވާހަކަ ދެއްކި ހުރިހާ ބޭފުޅުން ވެސް (ޖުމްހޫރީ ޕާޓީ އަށް) ވޯޓް ދެއްވާނެ. އިރާދަކުރެއްވިއްޔާ މިއަތޮޅުގެ ރައްޔިތުންގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ތާއީދު އަޅުގަނޑުމެންނަށް އެބައޮތް."
ޖަލްސާ ނިންމަވާލައްވައި ގާސިމް ވަޑައިގެންނެވި އިރު ވެސް ސްޓާ ފޯސް ސްކޫލު ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
ރިޔާސީ އިންތިހާބު 2008: ގާސިމުގެ ކެމްޕޭން ޖަލްސާ ހިތަދޫގައި ކުރިއަށް ދަނިކޮށް ބަޔަކު ފުރާޅަށް ގާއުކައި، ހޯލުން ކަރަންޓް ކަނޑާލައި ހަމަނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ