ކުޑަ މުސާރަ ޝީޓް ހެދުމަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފިނޭންސް މިނިސްޓްރީ އަށް ނޭނގޭނެ ކަމަށް ބުނެ މަދަނީ ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ހައި ކޯޓުން ބުރާސްފަތި ދުވަހު އަމުރުކޮށްފި އެވެ.
ހައި ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައި އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން އެދިފައިވާ ކަމަށެވެ.
އެ އަމުރުގައި ބުނަނީ، އެކަމުގެ މައްޗަށް ޝަރުއީ އަދި ގާނޫނީ ނަޒަރަކުން ބެލިއިރު އެކަމާ މެދު ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ ގޮތެއް ކަނޑައަޅަންދެން މަދަނީ ކޯޓުގެ ހުކުމަށް އަމަލުކުރަން ފަސް ކުރުމަށެވެ. އަދި އެ ހުކުމަށް އަމަލުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ހައި ކޯޓުން އަމުރުކޮށްފައިވެ އެވެ.
"... އެ ގަޒިއްޔާއާ މެދު ދިވެހިރާއްޖޭގެ ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން އެ ގަޒިއްޔާގެ ހުކުމަށް އަމަލުކުރުން ފަސް ކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާތީ، އެ ގަޒިއްޔާގެ ހުކުމަށް އަމަލުކުރުން ފަސް ކުރުމަށާއި އެ ގަޒިއްޔާގެ ހުކުމަށް އަމަލު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށް އަމުރުކޮށްފީމެވެ،" އެ އަމުރުގައިވެ އެވެ.
މަދަނީ ކޯޓުން އަންގާރަ ދުވަހުކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ، ސިވިލް ސާވިސްގެ ގާނޫނުގެ ހަ ވަނަ މާއްދާ އާއި 18 ވަނަ މާއްދާގެ )ހ( އަދި 43 ވަނަ މާއްދާގެ ދަށުން ސިވިލް ސާވިސް ކޮމިޝަނަށް ލިބޭ ބާރެއް ހަނިކުރެވޭ ގޮތަށް ނޫނީ ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުގެ ބާރު ފިނޭންސް މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށެވެ. އަދި ދިވެހި ސިވިލް ސާވިސް ގާނޫނުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމަށް ސިވިލް ސާވިސް ގާނޫނުގެ ހަ ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އަދި 43 ވަނަ މާއްދާގެ )ހ( ގެ ދަށުން ސިވިލް ސާވިސް ކޮމިޝަނަށް ލިބިދޭ ބާރު ހަނިކުރެވޭ ގޮތަށް ނުވަތަ ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުގެ ބާރު ވެސް ފިނޭންސަށް ލިބިގެން ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރި މުސާރަ ޝީޓް ތައްޔާރު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި ވަނީ އެ މުސާރަ ޝީޓްތަކާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ނުދެވޭނެ ކަމަށެވެ. އެހެންވެ މިހާތަނަށް ވެސް މުސާރަ އާއި އިނާޔަތްތައް ދެމުން ގެންދަނީ ކުޑަކުރި މުސާރަ އެވެ.
އެގޮތަށް ހުކުމް ކުރުމާ ގުޅިގެން ހަމަ މުސާރަ ދިނުމުގައި ދެން އަމަލުކުރާނެ ގޮތެއް ނިންމުމަށް ސިވިލް ސާވިސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއާ އެކު ބުރާސްފަތި ދުވަހު ވަނީ މަޝްވަރާ ކުރަން ފަށައިފަ އެވެ.
ކުޑަކުރި މުސާރަ ޝީޓް ހަދަން ނޭންގޭނެ ކަމަށް ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ