ކުޅުދުއްފުށީ ރައްޔިތުން ދެއްކި ނަމޫނާގެ ސަބަބުން ހައިރާން ވެއްޖެ: އަލީ އާރިފް

މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީ ރައްޔިތުން ނުކުމެ ދެއްކި ނަމޫނާއަށް ސާބަސް ދަންނަވާ ކަމަށާއި އެ އެއްވުން ފެނި ހައިރާންވި ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީގައި ހުންނަވައިގެން އަލީ އާރިފް "ސަން" އަށް ވިދާޅުވީ ރައްޔިތުން ތަރައްގީ ބޭނުންވާ މިންވަރު އެރަށުން ފެނިގެން ހިނގައްޖެ ކަމަށާއި މިއަދު އިހުސާސްވީ ބަޔަކު ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާކަން ކަމަށެވެ. "އަޅުގަނޑު ހަމަ ހައިރާންވެއްޖެ. އުމުރުން މިވީހާ ތަނަކު ދުވަހަކުވެސް މިފަދަ މަންޒަރެއް ނުފެނޭ. ކުޅުދުއްފުށީ ރައްޔިތުން މަހާ ޖައްރާފަށް މަރުހަބާ ކިއީ ސިޔާސީ ޕްރެޝަރެއް އޮވެގެންނެއް ނޫން. އެކަން ކުރީ ތަރައްގީ ބޭނުންވެފައިވާ ރައްޔިތުން ތަކެއް އެރަށުގައި ތިބީތީ،" އަލީ އާރިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ރައްޔިތުން މަރުހަބާ ކިޔާކަމަށާއި ހަގީގަތުގައި "މަހާ ޖައްރާފަކީ" ރައީސްގެ ވަރަށް ބޮޑު ހުވަފެންފުޅެއް ކަމަށެވެ. މިއަދު 36 މިލިއަން ޑޮލަރު ހޭދަކުރައްވައިގެން އެފަދަ ބޮޑު ކޮންނަ ބޯޓެއް ގެނެސް ނުހިއްކި ހުރި ބިންތައް އަވަސް ސްޕީޑެއްގައި ހިއްކިގެން ދިޔުމަކީ ހަގީގީ ތަރައްގީ ކަމަށް އޭނާ ވިދާޅުވިއެވެ. " ވިސްނަވާ އަޅުގަނޑުމެންގެ ސަރުކާރުން، ރައީސް ޔާމީން މިފަދަ ބޮޑެތި ތަރައްގީގެ ހޭދަތައް އެ ކުރައްވަނީ ޖީއެމްއާރަށް ދޭން ޖެހޭ ފައިސާވެސް ދައްކާފައި. ޖީއެމްއާރަށް 300 މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހުނީ ކޮން ބައެއްގެ އިހުމާލުންތޯ. އެކަން ކުރަން ނުޖެހުނު ނަމަ ކިތައް އެއާޕޯޓް އެޅުނިސްތޯ. މިއީ މިއަދު ރައްޔިތުން ކުރަންޖެހޭ ސުވާލުތައް،" އަލީ އާރިފް ވިދާޅުވިއެވެ. އަލީ އާރިފް ވިދާޅުވީ މިއަދު ކުޅުދުއްފުށިން ލިބުނު ތަރުހީބު ށ. ފުނަދޫގައި އެއާޕޯޓު އަޅާ ސަރަހައްދުގެ ބިން ހިއްކަން މަހާ ޖައްރާފާ ދިޔުމުން ވެސް ލިބޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރުއު ރަސްމީކޮށް ފަށާނީ މާދަމާއެވެ. އެ މަސައްްކަތް ފައްޓަވައި ދެއްވާނީ ރައީސް އަބްދުﷲ ޔާމީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ