އަމުރާ ގުޅިގެން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުންތައް ހުށަހަޅައިފި

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބުނި ހުށަހެޅުންތައް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުގެ ހުށަހެޅުންތައް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނި ނަމަވެސް ހުށަހެޅި ކަންކަމުގެ އެއްވެސް މައުލޫމާތެއް ޕީޖީ އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު ވަރުގަދަ އަމުރުގައި ބައެއް ކަންކަން ކުރަން ޕީޖީގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދާ ފަރާތްތަކާއި، އަމުރު ތަންފީޒު ކުރުމުގައި އިހްމާލުވާ ފަރާތްތައް ބަލައި އެފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްއަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނުގައިވާ ގޮތުން އެ އޮފީހުން ކޮށްފައިވާ މަސައްކަތަކީ ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލް އެއްކުރުމުގެ މަސައްކަތެވެ.
ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަން އަމުރުކޮށްފައިވާ ނުވަ ބޭފުޅުންނާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އެބޭފުޅުންގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތަކެއް ކަމަށްވާތީއާއި، އޭގެތެރެއިން ބައެއް މައްސަލަތަކަކީ ޝަރުއީ މަރުހަލާތައް ނިމިފައިވާ މައްސަލަތަކެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ޕީޖީ އޮފީހާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރަމުންދާ ކަމަށްވެސް ރޭގެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލް ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދިޔަ ކަމަށްވެސް މިބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ހުރި ގާނޫނީ މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ދައުލަތުގެ ބަންޑާރަނައިބް މުހައްމަދު އަނިލް ވެސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ