ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން މަޑުޖައްސާލައިފި
ކޮވިޑް19 އާ ގުޅިގެން ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމާއި، ނުރަސްމީ ގަޑީގައި ކައިވެނިކޮށްދިނުން ފެމިލީ ކޯޓުން މަޑުޖައްސާލައިފިއެވެ. ފެމެލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު އިބްރާހިމް ތައުފީގު "ސަން" އަށް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ވީހާވެސް މީހުން އެއްވުން މަދުކުރުމަށް ކޯޓުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށް ތައުފީގު ވިދާޅުވިއެވެ. ތައުފީގު ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޯޓުން ހުއްދަ ދީފައިވާ ބައެއް ފަރާތްތައް އެބަތިބި ކަމަށާއި، އެފަރާތްތަކާ އެކުވެސް މަޝްވަރާކުރާނެ ކަމަށެވެ. ނަމަވެސް ކޯޓުގައި ކައިވެނި ކުރަން ބޭނުން ނުވާނަމަ، މިހާރު ހުއްދަ ދީފައިވާ ފަރާތްތަކުގެ ކައިވެނިތައް ހުއްދަ ދޫކޮށްފައިވާ ގޮތަށް ކޮށްދޭނެ ކަމަށެވެ. މީގެކުރިން ކޯޓުގައި ކައިވެނި ކުރާ އިރުވެސް، ޖާގަ އޮތް މިންވަރަކުން އާއިލާއިން ބޭނުންވާ ވަރަކަށް ކައިވެނީގެ މަޖިލީހަށް މީހުން ވެއްދެއެވެ. އެހެން ނަމަވެސް މިހާރު ކައިވެނީގެ މަޖިލީހަށް މީހުން ވެއްދޭ އަދަދު ވެސް ވަނީ މަދުކޮށްފައެވެ. ތައުފީގު ވިދާޅުވީ މިހާރު ކައިވެނީގެ މަޖިލީހަށް ވެއްދޭނީ ކައިވެނިކުރާ ދެ ފަރާތާއި، ވަލީވެރިޔާ އާއި ދެ ހެކިވެރީން އެކަނި ކަމަށެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑިތަކުގައި ވެސް ކައިވެނިކޮށްދިނުން މިހާރު ވަނީ މަޑުޖައްސާލައިފައެވެ. އަދި ކައިވެންޏަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް މަޑުޖައްސާލައި، ޕްރޮގްރާމްގެ ލިޔުންތައް ކައިވެނިކުރާ މީހުންނަށް ފޮނުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ