މި އަހަރުގެ މިހާތަނަށް 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި

ދައުލަތުގެ ހަރަދުތައް މެނޭޖް ކުރުމަށްޓަކައި މި އަހަރުގެ މިހާތަނަށް 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މިދިޔަ ހަފުތާއާ ހަމައަށް ދިވެހި ރުފިޔާ އިން 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކައިފަ އެވެ. މީގެ އިތުރުން ޔޫއެސް ޑޮލަރުން 334 މިލިއަން ރުފިޔާ އަށް ވާ ވަރަށް ޓީބިލް ވިއްކާފައި ވެ އެވެ. މިދިޔަ އަހަރުގެ އޭޕްރީމް މަހާ ހިސާބަށް ސަރުކާރުން ވިއްކާފައި ވަނީ 1.3 ބިލިއަން ރުފިޔާގެ ޓީބިލެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ޓީބިލް ވިއްކި ވަރު ވަނީ ހަތަރު ބިލިއަނަށް އަރައިފަ އެވެ. މިދިޔަ އަހަރަކީ އެންމެ ގިނައިން ޓީބިލް ވިއްކި އެއް އަހަރެވެ.
ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ހަތަރު މިންގަނޑެއްގައި ޓީބިލު އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވައިލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މަޝްހޫރު ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޔުނިވާސަލްގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ސަރުކާރުން ވިއްކާ ޓީބިލަށް އިންވެސްޓް ކުރެ އެވެ.
ސަރުކާރުގެ ކޭޝް ފްލޯ އާއި ބަޖެޓް ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމަށް އާންމު ގޮތެއްގައި ޓީބިލް އިޝޫ ކޮށްގެން ސަރުކާރުން ފައިސާ ހޯދާ އިރު، ކޮވިޑް-19 އާ ގުޅިގެން ބޭންކްތަކާއި އެހެނިހެން އިންވެސްޓަރުންނަށް ވެސް ދަތިތަކާ ކުރިމަތިވެ، މިހާރު ދޫކޮށްފައިވާ ޓީބިލްތައް ވެސް ރިޑީމް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި މި ހާލަތުގައި ޓީބިލަށް އިންވެސްޓް ކުރާނެ އާ އިންވެސްޓަރުން ހޯދަން ދަތިކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ލަފާކޮށްފައިވާ އިރު މި އަހަރު ލަފާކުރި އާމްދަނީގެ ދެބައި ކުޅަ އެއްބައި ވެސް ނުލިބުމުގެ ފުރުސަތު އެބަ އޮތެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރަށް ވަނީ މާލީ އެހީތެރިކަން ހޯދުމަށް ބޭރުގެ މާލީ އިދާރާތަކަށް ބަރޯސާވާން މަޖުބޫރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ