މި ނުރައްލުން ސަލާމަތްވެވޭނީ އެއްބައިވަންތަ ކަން އިސްކޮށްގެން - ގާސިމް

ދިވެހިން ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19ގެ ނުރައްލުން ގައުމު ސަލާމަތްވެވޭނީ އެއްބައިވަންތަ ކަން އިސްކޮށްގެންކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ، ޤައުމަށް ދިމާވެފައިވާ މި ހުޡޫރަތްތެރި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުތަކަށް އަމަލު ކުރުން މުހިންމު ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ފުރަތަމަ ފެނިފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ. މިހާރު މިހާތަނަށް 13 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، މީގެ ތެރެއިން ގިނައީ އިޓަލީ މިހުންނެވެ.
ކޮވިޑް-19އާ ގުޅިގެން ފުރަތަމަ ފަހަރަށް ގައުމާއި މުހާތަބު ކުރައްވާ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުވެސް ވަނީ މިއީ އެންެމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައެެވެ.
ކޮވިޑް-19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލި މަޑުކަމެއް ކަމަށާއި، ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން ކަމަށް ރައީސް ވިދާޅުވެފައެވެ.
އަދި މިއީ ވިސްނުން ތެރިކަމާއި ހިކްމަތްތެރިކަމާއެކު ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ