ނިއުރޭޑިއަންޓްގެ ކޯޗުކަމާއި ހަވާލުވިކަމަށް ދެކެވޭ ވާހަކަތައް ނިޒާމްބެ ދޮގުކޮށްފި

ސަސްޕެންޝަނުގައި މިހާރު އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ކަމުގެ މަގާމާއި ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވިކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ސަސްޕެންޝަނުގައި މިވަގުތު އޮތް ނިއުރޭޑިއަންޓްގެ ސަޕޯޓަރުން އަންނަނީ އެ ކްލަބު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނިއުރޭޑިއަންޓްގެ ހާއްސަ ޖަރޒީއެއް ވިއްކުމަށް ސަޕޯޓަރުން ވަނީ ނިންމާފައެވެ. އަދި ޖަރޒީއެއްގެ އަގަކީ 500 ރުފިޔާއެވެ. އެކްލަބުގެ ސަޕޯޓަރުން ބުނީ އެ ކްލަބު ކޮޅަށް ޖެހުމަށް 10،000 ޖާޒީ ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
ނިޒާމް ނިއުރޭޑިއަންޓުގެ ކޯޗުގެ މަގާމާއި ހަވާލުވިކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ. މިކަމާއި ގުޅިގެން ރާއްޖެ އެމްވީން ގުޅާލުމުން ނިޒާމް ބުނީ ނިއުއަށް ސޮއި ކުރިކަން ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށެވެ. އޭނާ ވަނީ ނިއުރޭޑިއަންޓް މިހާރު ކޮބައިތޯ ބުނެ، ސުވާލު އުފައްދައިފައެވެ. މީގެ އިތުރުން ނިޒާމް ބުނީ ކްލަބަކާއި ހަވާލުވާނަމަ އެކަން މީޑިއާއަށް އަންގާނެ ކަމަށެވެ.
ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓުގެ ސަސްޕެންޝަން މިދިޔަ އަހަރު އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ކްލަބުތަކުން ވަނީ ދަމަހައްޓާފައެވެ.
ނިއުރޭޑިއަންޓުން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހުނުއިރު، އެފްއޭއެމްގައި ހުރި ނިއުރޭޑިއަންޓުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މިހާރު މުސާރަ ދީފައެވެ. އެކަމަކު އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތްލައްކަ ތިންހާސް ހަތްސަތޭކަ ހަތް ރުފިޔާ) ދޭން ފީފާއިން ވަނީ ނިއުރޭޑިއަންޓަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 (ފަސްލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސްދެ ރުފިޔާ) ދޭންވެސް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ