ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން މީގެ އިރުކޮޅެއް ކުރިން ފަށައިގެން ކުރިއަށް އެބަގެންދެ އެވެ. ޕްރައިމަރީގައި ވާދަ ކުރައްވަނީ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. މިއަދު މެންދުރު ފަހު 2.00 އިން ފެށިގެން ވޯޓުލުން ކުރިއަށް ގެންދާއިރު މާލޭގައި ވޯޓުލަނީ ދަރުބާރުގޭގަ އެވެ. ޕްރައިމަރީގައި 512 މީހަކު ވޯޓުލާއިރު، މާލޭގައި ބަހައްޓާފައިވާ ފޮއްޓަށް 70 މީހަކު ވޯޓުލާން ޖެހެ އެވެ. އެންމެ ގިނަ މީހުން ވޯޓުލާން ރަޖިސްޓަރީ ކޮށްފައި ވަނީ މުލިންނެވެ. އެ ރަށުގައި 207 މީހަކު ވޯޓުލާނެ އެވެ. މީގެ އިތުރުން ދިއްގަރުގައި 123 މީހަކު، މަޑުއްވަރީގައި 64 މީހަކު ވޭވަށުން 78 މީހަކު އަދި ރަތްމަންދޫން ހަ މީހަކު ވޯޓުލާނެ ކަމަށް ޕީޕީއެމުން ބުންޏެވެ. ދިއްގަރު ދާއިރާގެ ޕީޕީއެމް ޓިކެޓް ހޯދަން ފަސް ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް ތިން ބޭފުޅަކު ވަނީ އިންތިހާބުގެ ކުރިން ނަން އަނބުރާ ގެންދަވައިފަ އެވެ. އެއީ އެންވަޔަރުމެންޓް މިނިސްޓަރުގެ ނައިބު މުހައްމަދު ހާނިމާއި މ. އަތޮޅު ކައުންސިލްގެ މެމްބަރު މޫސާ ނަސީރު އަހުމަދާއި ދިއްގަރު ކައުންސިލްގެ މެމްބަރު އިމްރާން ޒާހިރެވެ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހަވީރު ހަވީރު 5:00 އާ ހަމައަށެވެ. ދިއްގަރު ދާއިރާގައި ހިމެނޭ ދިއްގަރާއި މަޑުއްވަރީ، ވޭވައް އަދި މުލީގައި ވޯޓުލުން ފެށިގެން ކުރިއަށްދާއިރު އެ ދާއިރާގައި ހިމެނޭ ހިމެނޭ ރަތްމަންދޫގައި ވޯޓު ފޮއްޓެއް ނުބަހައްޓަ އެވެ. ޕީޕީއެމުން ބުނީ އެ ރަށުގައި ވޯޓު ފޮއްޓެއް ނުބަހައްޓަނީ ރަތްމަންދޫގައި ވޯޓުލާން ތިބި މީހުން މަދުވީމަ ކަމަށެވެ. ރަތްމަންދޫ މީހުން ވޯޓުލާން ހަމަޖައްސާފައި ވަނީ ވޭވަށުގަ އެވެ. ޖޫން ހަ ވަނަ ދުވަހު ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ހޯމަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ޓިކެޓަށް ޝައުގުވެރިވާ ކެންޑިޑޭޓުން އަންނަ އާދިއްތަ ދުވަހުގެ ކުރިން ނަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ