އެމްޑީޕީގެ މިސްރާބު ވަނީ ގެއްލިފައި، 2018 އަދި 2023 ވެސް އެ ޕާޓީއަށް ކާމިޔާބެއް ނުވާނެ: އުމަރު

އިދިކޮޅު އެމްޑީޕީގެ މިސްރާބު މިހާރު ވަނީ ގެއްލިފައި ކަމަށާއި 2018 އަދި 2023 ގެ އިންތިހާބު ވެސް އެ ޕާޓީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަަކަ ދައްކަވަމުން އުމަރު ވިދާޅުވީ 2018 އާއި 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. "އެންމެ ގޮތަކުން ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން އޮންނާނީ. އެއީ ޝަރުއީ ކޯޓަކުން ނިންމަންވީ ފަނޑިޔާރަކު ވަގަށް ނެގުމަކީ ހުއްދަ ކަމެކޭ. އެ ނޫން ގޮތެއް ނެތް،" ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލަ އަށް އިޝާރާތް ކުރައްވަމުން އުމަރު ވިދާޅުވި އެވެ. އެ މައްސަލަ ނަޝީދުގެ މައްޗަށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އުމަރު ވިދާޅުވީ ފަނޑިޔާރުން ވަގަށް ނެގުމަކީ ހުއްދަ ކަމެއް ކަމަށް ކޯޓަކުން ނިންމައިފި ނަމަ، އެއީ ބޭނުން މީހަކު ވަގަށް ނަގަށް ސަރުކާރަށް ދޭ ލައިސަންސެއް ކަމަށެވެ. އުމަރުގެ މިވާހަކަތައް މިއައީ އެމްޑީޕީން މިހާރު ކުރަމުން ދާ "މިންޖުވާން" މުޒާހަރާ ހުއްޓުވަން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އޭނާ މަސައްކަތްކުރައްވާ ކަމަށް އެމްޑީޕީން ބުނަމުން ދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިއްޔެ އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އުމަރަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް ކަމަށެވެ. "ހަވީރާ" ވާހަކަދައްކަވަމުން އުމަރު ވަނީ މަޖިލިހުގެ އެމްޑީޕީ މެމްބަރުންނަށް ވެސް ރައްދު ދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ޑީލް ހަދަމުންނެވެ. އެގޮތުން ގާނޫނުއަސާސީ ބަދަލުކުރުމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާ ނެންގެވި ކަމުގެ ތުހުމަތު އުމަރު ވަނީ އެމްޑީޕީގެ ބަައެއް މަޖިލިސް މެމްބަރުންގެ މައްޗަށް ކުރައްވައިފަ އެވެ. އުމަރު ވާހަކަ ދައްކަވަނީ: އެމްޑީޕީއަށް ބަހުގެ ހޫނު ހަމަލަތަކެއް ދެއްވާ.---ހަވީރު ފައިލް ފޮޓޯ "އެހެންވެ އެމްޑީޕީގެ އާންމު މެމްބަރުން ވަނީ އެ ޕާޓީ ދެކެ ފޫހިވެފައި. ޕޯޑިއަމްގައި އެއް ވާހަކައެއް ދައްކާފައި ފަހަތަށް ޖެހިފައި އެހެން ގޮތަކަށް ވާހަކަ ދައްކަނީ،" އުމަރު ވިދާޅުވި އެވެ. "އެންމެ ބާރަށް ދެއްކީ އަދީބުގެ ކޮރަޕްޝަންގެ ވާހަކަ. އެކަމަކު އަދީބު ގޮސް ތިމަންނައަށް ނައިބު ރައީސްކަމަށް އާދެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކޮށްދޭށޭ، މިހުރީ ލާރިއޭ ބުނީމާ، ލާރި ނަގައިގެން ވޯޓުލީ. ދެން މިއަދު ކޮން ދުލަކުން ވާހަކަ ދައްކާނީ؟ އެހެންވީމާ އެމްޑީޕީ ގަބޫލުކުރާ ހަމަޔަކީ ލާރި." އުމަރު ވިދާޅުވީ އެމްޑީޕީ އެނބުރެނީ މީހެއް ވަށައިގެން ކަމަށާއި އެކަން އެ ޕާޓީން ދޫކޮށްލައި، އެމްޑީޕީ އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރެޓިކް ޕާޓީއަކަށް އެމްޑީޕީ ވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ޑީއާރުޕީގައި ވެސް އަޅުގަނޑުމެން ދުށިން ހަމަ މި ދުވަސް. ޑީއާރުޕީ ގޮވައިގެން ވެސް ނުކުންނަން އަޅުގަނޑުމެންނަށް މަޖުބޫރުވީ ޕީޕީއެމްގެ ނަމުގައި. އެހެންވެ އަޅުގަނޑުމެންނަށް ކާމިޔާބުވީ. އޭރު އޮތް ޑީއާރުޕީ ގޮވައިގެން ނުކުތް ނަމަ ހަމަ ޗަކަސްގަނޑަކަށް ވާނީ. އެހެންވީމާ މިއަދު އެމްޑީޕީ އެ އޮތީ އެ ދުވަހު ޑީއާރުޕީ އޮތް ތަނުގައި،" އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ނަޝީދަކީ އެފްރިކާގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާގެ މިސާލު ނަންގަވާ ބޭފުޅެއް ކަމަށް އެމްޑީޕީން ބުނާއިރު އެ މިސާލު ވެސް ނުދެއްކޭ ކަމަށެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ނަޝީދު ގޭ ބަންދަށް ބަދަލުކުރުމަށް ސަރުކާރާ އެކު "ޑީލް" ހެދުމެވެ. "މަންޑޭލާ އަށް ވެސް އޮތޭ ސަރުކާރާ އެކު ޑީލް ހަދައިގެން ސަލާމަތް ވާން ފުރުސަތު،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "އެމްޑީޕީގެ [މަޖިލިސް] މެމްބަރުން ވިއްކައިގެން" އެ ޕާޓީން ފައިދާ ނަގާފައިވާ ކަމަށެވެ. "މި ތަހުގީގުކުރާއިރު އަޅުގަނޑުމެންނަށް ފެނޭ ފައިސާ ދީފައި ވަނީ އެމްޑީޕީގެ ކޮންކޮން ބަޔަކަށް ކަން. އެ ފައިސާ ދިޔައީ އެމްޑީޕީގެ ކޮންކޮން ބައެއްގެ އެކައުންޓަކަށް ކަން އެނގޭ،" އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އެމްޑީޕީގައި ވަރަށް ރަނގަޅު، ތަސައްރަފު ފުދޭ މީހުން ވެސް އެބަތިބި ކަމަށެވެ. އެކަމަކު އެ ޕާޓީގެ ލީޑަޝިޕް އިސްލާހުކޮށްގެން ނޫން ގޮތަކަށް 2018 އަދި 2023ގެ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން ކަށަވަރު ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ޕާޓީގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކު ހުންނަވަނީ އެހެން ބޭފުޅުންނަށް އޮތް ފުރުސަތު ބަންދުކޮށް، "ގްލާސް ސީލިންއެއް" އަޅައިގެން ކަމަށެވެ. "އަންނި ނޫން މީހަކަށް އެމްޑީޕީގެ ލީޑަޝިޕަކަށް ނޭރުނޭ. ލޮކް ކޮށްގެން ހުންނަނީ މަތިން. އެއްވެސް މީހަކު [ލީޑަޝިޕަށް] އަރަން ބޭނުން ނަމަ، އެ ގްލާސް ސީލިންގައި ބޯ ޖެހިފައި ވެއްޓޭނީ. އޭގެ ތެރޭގައި މުނައްވަރު، ޑީޑީ، އިބުރާ މި ހުރިހާ އެންމެން ވެސް ހިމެނޭ. މިއަދު އަންނި ޖަލަށް ލީމާ އެކަކު ވެސް އަންނާކަށް ނޫޅޭ ލީޑަޝިފަށް. އެމީހުންނަށް އެނގޭ އެމީހުން އަރަން އުޅޭ ނަމަ އެއްކަލަ ބޯ ގްލާސް ސީލިންގައި ޖެހިފައި ވެއްޓޭނެކަން. އެހެންވެ ލީޑަޝިޕް ނަގަހައްޓާނެ މީހަކު ނެތް،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑީއާރުޕީ އިސްލާހުނުކުރި ނަމަ މިއަދު ވެރިކަމުގައި އޮންނާނީ އެމްޑީޕީ ކަމަށެވެ. އެކަމަކު އެ ދުވަހު ޑީއާރުޕީ އިސްލާހުކުރީ "ވަރަށް ހިތި ބޭހެއް" ބޮއެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ