ބޭނުން ޖެހިފައިވާ މީހުންނަށް ރައްޔިތުން ވަމުން އަންނަ އެހީ ފާހަގަކުރަން: ނަޝީދު
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ މީހުންނަށް އެހީވުމަށް ރައްޔިތުން ދައްކާ ރިވެތި މިސާލާއި އިސްލާމީ އުސޫލް އުފަލާއެކު ފާހަގަކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުކުރަމުންދާ ރާއްޖެ އަށް މިހާރު ވިއްސާރައިގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މޫސުމް ގޯސްވުމުގެ ސަބަބުން ދަތުރުފަތުރާއި އިގްތިސާދީގޮތުންނާއި އިޖުތިމާއީގޮތުން އަދި މުއާސަލާތީ ގޮތުން ވެސް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާކަން ނަޝީދު ފާހަގަކުރައްވާފައިވެ އެވެ. "މި އެންމެހާ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުމެވެ. އަދި ވަކިން ހއ. ހޯރަފުއްޓާއި ބާރަށާއި ހަނިމާދޫ އާއި އައްޑޫ ސިޓީގެ ހުޅުދޫ އާއި ފޭދޫ އަދި ޏ. ފުވައްމުލަކަށް ލިބުނު ގެއްލުން އެތައް ގުނައަކުން ބޮޑުކަން ފާހަގަވެ އެވެ،" ނަޝީދުގެ ބަޔާނުގައިވެ އެވެ. ވިއްސާރައިގެ ގެއްލުންތައް ލިބުނު މީހުންނަށް އެހީވުމަށް ރައްޔިތުން ދައްކަމުންދާ ނަމޫނާ ފާހަގަކުރައްވައި، ރައްޔިތުންގެ ހިތާމައިގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްރަށުގެ ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ