އަޅުގަނޑުމެންނަކީ ފަނާ ކުރާ ބައެއް ނޫން، ބިނާ ކުރާ ބައެއް: ގާސިމް

ޖުމްހޫރީ ގުޅުމުގެ ވެރިކަމަކީ ބިނާކުރާ ވެރިކަމެއް ކަމަށާއި އެއީ ފަނާކުރާނެ ވެރިކަމަކަށް ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުނަށް ދެއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ. ކެމްޕޭން ކުރެއްވުމަށް މިރޭ އައްޑު އަށް ވަޑައިގެން ފޭދޫގައި ހުންނަ ޖުމްހޫރީ ގުޅުމުގެ ޖަގަހައިގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެ ކޯލިޝަންގެ ވެރިކަމުގައި އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައި ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ނެތް ކަމަށާއި ޖުމްހޫރީ ގުޅުމުގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާ ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ހަރުދަނާ އުސޫލްތަކެއް ގާއިމުކޮށް، އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ވެރިކަން އައްޑޫގެ ހުރި ވަރަށް ގިނަ މުއައްސަތާތަކެއް އަންދައި އަޅި އަށް ހަދާލައިފައިވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ގުޅުމުގެ ވެރިކަން ވެގެން ދާނީ އައްޑޫ ބިނާކުރާ، ތަރައްގީ ގެނުވައިދޭނެ ވެރިކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވެސް ވިދާޅުވީ ޖުމްހޫރީ ގުޅުމުން ވެރިކަން ކުރާނީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ. އެހެންވެ ރައްޔިތުން އެ ބޭފުޅުންގެ ފަހަތުގައި ތިބުމަށް ޑރ. ހަސަން ވަނީ އެދިވަޑައިގެންފަ އެވެ. ގާސިމާއި ޑރ. ހަސަންގެ ޓީމް އައްޑު އަށް ވަޑައިގަތުމުން ފޭދޫ ބަނދަރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި އެ ދެ ބޭފުޅުން ވަނީ ފެދޫ ޖުމްހޫރީ ގުޅުމުގެ ޖަގަހައިގައި ކޭކެއް ވެސް ފަޅުއްވައިދެއްވައިފަ އެވެ. ޖުމްހޫރީ ގުޅުމުގެ ބޮޑު ޖަލްސާއެއް މާދަމާ ރޭ ހިތަދޫގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ގައުމީ ޕާޓީގެ ނައިބް ރައީސް އިމާދު ސޯލިހް ވިދާޅުވީ އެ ޖަލްސާއަކީ "އައްޑޫ ފަތަހަ ކުރަން ބާއްވާ ބޮޑު ޖަލްސާއެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ