ޗެލެންޖް ކަޕާ ހަމައަށް ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދެނީ

މިދިޔަ މަހުން ފެށިގެން އަންނަ އަހަރުގެ ޗެލެންޖް ކަޕާ ހަމައަށް ގައުމީ ސްކޮޑްގައި ތިބި ހުރިހާ ކުޅުންތެރިންނަށް ގަވައިދުން މުސާރަ ދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ. އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމްސް، އަލީ ސުޒޭން އިއްޔެ ބުނީ މިދިޔަ މަހުން ފެށިގެން އަންނަ އަހަރުގެ ޗެލެންޖް ކަޕާ ހަމައަށް ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދޭން ނިންމީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާއި ޗެލެންޖް ކަޕަށް ކުޅުންތެރިން މޯޓިވޭޝަން ރަނގަޅުކުރުން ކަމަށެވެ. އަދި މިގޮތަށް ހަމަޖެހުނީ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ އެއްބާރުލުމާއެކު ކަމަށެވެ. "ކުރިއަށް މި އޮތީ (މި އަހަރުގެ) ސާފް ޗެމްޕިއަންޝިޕާއި (އަންނަ އަހަރު) އޮންނަ ސާފް ޗެމްޕިއަންޝިޕް. އެ ދެ މުބާރާތަކީ ވެސް މުހިންމު ދެ މުބާރާތް. އެހެންވެ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުކުރަންވެގެން ޗެލެންޖް ކަޕާ ހަމައަށް ކުޅުންތެރިންނަށް މުސާރަ ދޭން ނިންމީ،" ސުޒޭން ބުންޏެވެ. "އަޅުގަނޑުމެން އެގޮތަށް ހުށަހެޅީމަ ކުޅިވަރާ ބެހޭ ވަޒީރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. ވަޒީރުގެ އިސްނެންގެވުމަކާއެކު މި ގޮތަށް މި ހަމަޖެހުނީ." އެފްއޭއެމް އިން ވަނީ އެންމެ ފަހުން ނެގި ގައުމީ ސްކޮޑްގައި ހިމެނޭ 27 ކުޅުންތެރިން ހަތަރު ކެޓަގަރީއަކަށް ބަހާލުމަށް، ތިން ކެޓަގަރީއެއްގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ ކަނޑައަޅައިފަ އެވެ. އޭ ކެޓަގަރީގައި ހިމެނޭ އަށް ކުޅުންތެރިންނަށް މަހަކު 6،500ރ. ދޭނެ އެވެ. ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދާއެކު، މި ވަގުތު ގައުމީ ޓީމަށް އެންމެ މުހިންމު ކުޅުންތެރިން ހިމެނެނީ މި ކެޓަގަރީގަ އެވެ. ބީ ކެޓަރީގައި ހިމެނޭ 8 ކުޅުންތެރިންނަށް 5،000ރ. ދޭއިރު، ސީ ކެޓަގަރީގައި ހިމެނޭ ހަ ކުޅުންތެރިންނަށް ދެނީ 3،000ރ. އެވެ. ޑީ ކެޓަގަރީގައި މި ވަގުތު ތިބި ފަސް ކުޅުންތެރިންނަށް މަހު މުސާރައެއް ނުދެ އެވެ. ސުޒޭން ބުނީ ކުޅުންތެރިން ކެޓަގަރީތަކަށް ބަހާލީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ. އަދި ޑީ ކެޓަގަރީގައި ތިބި ކުޅުންތެރިންނަކީ ސީ ކެޓަގަރީ އަށް އެރުމުގެ ފުރުސަތު އޮތް ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް މި ވަގުތު މުސާރަ ނުދެނީ އެހެންވެގެން ކަމަށެވެ. "ކެޓަގަރީތައް ކަނޑައެޅުމުގައި ބެލިން މިހާރު ފުރަތަމަ 11ގައި ކުޅޭ ކުޅުންތެރިންނަށާއި ކުޅުންތެރިން ޕާފޯމަންސް އާއި ޕްރެކްޓިހަށް ހާޒިރުވުން ކަހަލަ ކަންތައްތަކަށް. އެގޮތަށް ބެލުމަށް ފަހު އެންމެ ރަނގަޅު ކުޅުންތެރިން އެ ކެޓަގަރީގައި ހިމަނާފައިވަނީ،" ސުޒޭން ބުންޏެވެ. "މިހާރު ޑީ ކެޓަގަރީގައި ތިބި ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައި ވެސް ސީ ކެޓަގަރީ އަށް އަރާފާނެ ކުޅުންތެރިން. ކެޓަގަރީތަކަށް ބަދަލުގެންނާނީ ކޮމެޓީއަކުން. އެފްއޭއެމްގެ ނައިބު ރައީސް (އަބްދުލް މުހުސިން ހަމީދު) ޗެއާ ކުރައްވާ އެ ކޮމެޓީން ކެޓަގަރީ އަށް ބަދަލު ގެންނާނީ އަޅުގަނޑާއި ގައުމީ ކޯޗު (އިސްތަވާން އުރުބާނީ)ގެ ލަފާގެ މަތިން،" މުބާރާތެއް ނެތަސް ކުޅުންތެރިންނަށް ގަވައިދުން ކުރިން މުސާރަ ދެމުންދިޔަ ނަމަވެސް، އެފްއޭއެމްގެ ރައީސް ކަމުގައި އަލީ އާޒިމް ހުންނެވިއިރު އެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ. މަހު މުސާރަ ދިނުމުގެ ބަދަލުގައި އެފްއޭއެމް އިން ފަހުން މުސާރަ ދިނީ ގައުމީ ޓީމުގެ ކުޅޭ މުބާރާތްތައް ނުވަތަ މެޗުތަކަށެވެ. އަދި މަހުން މަހަށް މުސާރަ ދިނުމުގައި ބަދަލުގައި ބޯނަސް ސިސްޓަމެއް ކަނޑައަޅައި، މެޗުތަކުން ނެރޭ ނަތީޖާތަކަށް ބޯނަސް ފައިސާ ދިނެވެ. ރާއްޖޭގެ ގައުމީ ޓީމު މި އަހަރު ނުކުންނަ އެންމެ ބޮޑު މުބާރާތަކީ ސެޕްޓެމްބަރު ނޭޕާލްގައި އޮންނަ ސާފް ޗެމްޕިއަންޝިޕެވެ. ގައުމީ ޓީމުގެ މުސާރަ ދިނުމުގައި ކަނޑައެޅި ކެޓަގަރީތަކުގައި ހިމެނޭ ކުޅުންތެރިން: އޭ ކެޓަގަރީ (6،500ރ) : އަލީ އަޝްފާގް (ދަގަނޑޭ) އިމްރާން މުހައްމަދު، ގޯލްކީޕަރު މުހައްމަދު އުމެއިރު އަކުރަމް އަބްދުލް ގަނީ މުހައްމަދު އާރިފް (ބަކާ) ޝާފިއު އަހުމަދު (ޝާފީ) މުހައްމަދު ޝިފާން (ކުޑައްޓޭ) މުހައްމަދު ރަޝީދު (ހޮކޭ) ބީ ކެޓަގަރީ (5،000ރ): އިސްމާއިލް އީސާ އަސަދުﷲ އަބްދުﷲ އަލީ ފާސިރު (ސެންޓޭ) ހަސަން އަދުހަމް (ސަޑޭ) އަހުމަދު އަބްދުﷲ (ލިލީ) ރިލްވާން ވަހީދު (ރިލޭ) އަހުމަދު ރަޝީދު (އައްމަޑޭ) މުހައްމަދު އިމްރާން، ގޯލްކީޕަރު ސީ ކެޓަގަރީ (3،000ރ): މުހައްމަދު ފައިސަލް ،ގޯލްކީޕަރު އިބްރާހިމް ފަޒީލް (އޮއްޕޮ) ފަރުހާދު އިސްމާއިލް (ފަރޭ) ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) އައްސަދު އަލީ (އަޑުބަރޭ) އަހުމަދު އިމާޒް (އާއްކޮ) ޑީ ކެޓަގަރީ: މޫސާ ޔާމިން ފައިރޫޒް އާދަމް ސަމީރު އަހުމަދު ނާޝިދު (ނާއްޓޭ) އަމްދާން އަލީ އަހުމަދު ޒާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ