އެސްޓީއޯ އިން "ހިޓާޗީ އިކޯ އެގްޒިބިޝަން" އެއް ހުޅުވައިފި

ދުނިޔެ އަށް މަޝްހޫރު ހިޓާޗީ ބްރޭންޑުގައި ހުރި ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތައް ދައްކާލުމަށް "ހިޓާޗީ އިކޯ އެގްޒިބިޝަން" އެއް އެސްޓީއޯ އިން މިއަދު ހުޅުވައިފި އެވެ. ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ" ގައި އެސްޓީއޯ އިން ހުޅުވި "ހިޓާޗީ އިކޯ އެގްޒިބިޝަންގައި" ހިޓާޗީ އިން އުފައްދާ ދޮންނަ މެޝިނާއި އެއާކޯން އަދި އެއާ ޕިއުރިފަޔާ ފަދަ އުފެއްދުންތައް ދައްކާލަން ބަހައްޓާފައިވެ އެވެ. އަދި މި އެގްޒިބިޝަންގައި ހިޓާޗީގެ އުފެއްދުންތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބެ އެވެ. މި އެގްޒިބިޝަން ހުޅުއްވައި ދެއްވީ އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެގްޒިބިޝަން ހުޅުއްވައި ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ތިމާވެއްޓާ ރަހުމްތެރި އުފެއްދުތަކަށް ރާއްޖޭން ތާއީދު ކުރާ ކަމަށެވެ. އަދި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް އިއާދަކުރަނިވި ހަކަތަ އަށް ބަދަލުކުރަން ރާއްޖޭން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެސްޓީއޯއަކީ އަބަދު ވެސް ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތައް ބޭނުން ކުރުމަށް ބޭނުންވާ ކަމަށެެވެ. "ރާއްޖޭގެ އެއްވަޔަރްމަންޓަށް ވީހާ ވެސް ރަނގަޅު އެއްޗެއް ގެނައުމަކީ އަޅުގަނޑުމެން ވަރަށް ބޭނުންވާ ކަމެއް. މި އެގްޒިބިޝަންގެ ސަބަބުން ކުރިއަށް އޮތް ޖީލަށް ފައިދާ ކުރާނެ،" އާޒިމް ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި، ހިޓާޗީން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ މެނޭޖިން ޑިރެކްޓަރު ހިރޮކީ ނަކަނޯ ވިދާޅުވީ ސަރަހައްދުގައި އެ ކުންފުނީގެ ވިޔަފާރި ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމަށެވެ. އަދި އެ ކުންފުންޏާ ގުޅިގެން މަސައްކަތްކުރާ އެސްޓީއޯއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "މި ސަރަހައްދުގެ ވިޔަފާރި އަށް ބަލާއިރު ހަލުވިކަމާއެކު އަންނަނީ ކުރިއެރުންތައް ހޯދަމުން،" ހިރޮކީ ވިދާޅުވި އެވެ. އެސްޓީއޯ އިން ހިޓާޗީގެ އުފެއްދުންތަކަށް އެގްޒިބިޝަނެއް ހުޅުވިއިރު، އެ ކުންފުނިން ވިއްކާ ހިޓާޗީގެ އުފެއްދުންތަކަށް ދޮޅު އަަހަރުގެ ވޮރަންޓީއެއް ލިބެ އެވެ. އަދި މި އުފެދުންތަކުގައި ހުންނަ ކޮމްޕްރެސަރަށް ފަސް އަހަރުގެ ވޮރަންޓީއެއް ވެސް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ