4.8 މިލިއަން ރުފިޔާގެ މައްސަލައެއް ބެލުން ސުޕްރީމް ކޯޓުން ހުއްޓުވައިފި
މީހެއްގެ އަތުން 4.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ދައުވާ ފޯމް ބާތިލްކޮށް، އެ މައްސަލައިގެ ފައިލް ބަންދުކުރަން ސުޕްރީމް ކޯޓުން މިދިއަ ބުރާސްފަތިދުވަހު އަމުރުކޮށްފި އެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން ދައުވާ ފޯމް ބާތިލްކޮށްފައިވަނީ މ. ދޫނިދޫ އުސާމަތު އިސްމާއިލްގެ އަތުން 4.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެސްޓޭޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ. އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، މައްސަލައިގެ ފައިލް ބަންދުކުރަން ސުޕްރީމް ކޯޓުން އެންގީ އޭގެ ކުރިން އެތައް ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ގެންގޮސްފައި ވާތީ މިހާރު އެ ދައުވާ އުފުލުމުގެ ހައްގު އެ ކުންފުންޏަށް ނެތް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އޭގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އެސްޓޭޓް އިންޓަނޭޝަނަލް ކުންފުނިން އެ މައްސަލަ ހުށަހެޅި ނަމަވެސް ކޮންމެ ފަހަރަކު ވެސް އެ މައްސަލަ އެ ކުންފުނިން ވަނީ އަނބުރާ ގެންގޮސްފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ދައުވާކުރާ ފަރާތުން މައްސަލަ ދޫކޮށްލައިފި ނަމަ އަލުން އެ ދައުވާ ނުކުރެވޭނެ ކަމަށް، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ޝަރީއަތަށް މައްސަލަ ހުށަހެޅުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ކުރިން ވެސް ތިން ފަހަރެއްގެ މަތިން އެ މައްސަލަ ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފައި ވާތީ އެ މައްސަލަ މިހާރު ނުބެލޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، މައްސަލައިގެ ފައިލް ވަގުތުން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރުކުރީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން އެކަން ބަލައި ދިނުމަށް އުސާމަތުގެ ފަރާތުން ހުށަހެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ