ދެވަނަ ފަހަރަށް ކަރަންޓު ކެނޑުނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައަކުން - ސްޓެލްކޯ

މާލެއިން މިއަދު އެންމެފުރަތަމަ ކަރަންޓު ކެނޑުމާއެކު އެކަން ޙައްލުކޮށް %80އަށް ކަރަންޓު ދިންފަހުން އަނެއްކާވެސް ކަރަންޓު ކެނޑުނީ ސްޓެލްކޯގެ ޑިސްޓްރިބުއުޝަން ނެޓްވޯރަކަށް ދިމާވި މައްސަލައަކުންކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ކަރަންޓްދިނުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ މާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 8:10 ހާއިރުއެވެ. އަދި ފަސްގަޑިއެއްހާއިރަށްފަހު ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފައިވަނީ މިއަދު 13:10 ހާއިރުއެވެ. މާލެއިން މިއަދު ގިނަ އިރުތަކެއްވަންދެން ކަރަންޓު ކެނޑުމާއި ގުޅިގެން ޢާއްމުންނަށްވަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައެވެ. އަދި ޢާއްމުންގެ ގިނަ ޝަކުވާތަކެއްވެސް ވަނީ ސްޓެލްކޯއަށް އަމާޒުވެފައެވެ.
މާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން އިންޓަރނެޓްގެ ޚިދުމަތާއި މޯބައިލް ނެޓްވޯކަށްވެސް ބުރޫއަރާފައިވެއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއާއި ރޭޑިއޯ ޗެނަލްތަކުގެ ޚިދުމަތްވެސް މެދުކެނޑުނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯއިން ވިދާޅުވީ ކާރަންޓް ބޭނުންކުރާ މިންވަރު އިތުރުވެގެން ނުވަތަ ލޯޑް މަތިވެގެން މާލެއިން ކަރަންޓު ނުދާނެކަމަށެވެ. އަދި މިހާރުވެސް މާލެއިން ކަރަންޓު ނުކެނޑި ޚިދުމަތް ފޯރުކޮށްދެވޭނެގޮތް ހަމަޖައްސަމުން ގެންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލުމުގުގެ މަސައްކަތް ނިމި ޚިދުމަތް ފެށުމުން މާލެއިން ކަރަންޓު ކެނޑުނުނަމަވެސް ހުޅުމާލޭގައި ހުންނަ އިންޖީނުގެ ބޭނުންކޮށްގެން މާލެއަށްވެސް ޚިދުމަތް ފޯރުކޯށްދެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢާއެކު ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މާލެ-ހުޅުލެ-ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތަކީ ގްރޭޓަރ މާލެ ސަރަހައްދުގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގައި މިހާރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ މާލެ ހުޅުލެ އަދި ހުޅުލޭގައި ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތެވެ.
މި ވިއުގައިން 3 ރަށުގެ ކަރަންޓު ގުޅާލާނީ ބްރިޖާއި ހައިވޭ މެދުވެރިކޮށް އަޅާ އިންޓަރކަނެކްޝަން ކޭބަލަކުންނެވެ. އިންޓަރކަނެކްޝަން ކޭބަލްގެ މަސައްކަތްތައްވެސް މިހާރުވަނީ ފަށާފައެވެ. މި ކޭބަލްއަކީ 100މެގަވޮޓްގެ ކަރަންޓު ކެރީކުރެވޭ ނެޓްވޯކް ކޭބަލްއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ