އައްޑޫ ވިޔަފާރިވެރިޔާ އަބްދުﷲ އަލީ މަރާލި މައްސަލައިގައި މީހަކު 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އައްޑޫ ސިޓީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ އަލީ މަރާލި މައްސަލައިގައި ދައުވާ ކުރި، ސ. ހިތަދޫ/ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީގެ މައްޗަށް ކުށް ސާބިތުވެ އޭނާ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އަހުމަދު އިބްރާހިމް ދީދީއަކީ އަބްދުﷲ އަލީއަށް ބޮޑުބޭބެ ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، މާޗް 2، 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަބްދުﷲ އަލީ މާރާލާފައިވަނީ އޭނާ ސައިކަލުގައި ދަނިކޮށް، އޭނާ ދުއްވަމުން ދިޔަ ސައިކަލުގައި ފައިން ޖަހައި ވައްޓާލައި، އޭނާގެ ކަރުގައި ވާފަށެއް ޖަހައި ކަރަށް ބާރުކޮށްގެން ކަމަށެވެ.
އެ މައްސަލައިގައި އަހުމަދު އިބްރާހިމް ދީދީގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އެ ދައުވާއަށް އަހުމަދު އިބްރާހިމް ދީދީ ކްރިމިނަލް ކޯޓުގައި އިންކާރު ކުރި އެވެ. ނަމަވެސް އެ މައްސަލައިގައި އެ ކޯޓުން މިދިޔަ މަހު ހުކުމް އިއްވީ، އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް ބަލައި، އޭނާ އެކުށް ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެގެންނެވެ.
މި މައްސަލައިގައި އަބްދުﷲ އަލީ މަރާލުމުގައި އަހުމަދު އިބްރާހިމް ދީދީއަށް އެހީތެރިވި ތިން މިީހަކަށް ވަނީ އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލައިފަ އެވެ. އެއީ ސ. ހިތަދޫ/ އަތަމާވިލާ، މައޫޒު މުހައްމަދާއި އެރަށު އައްޒާ/ މުބާރިކް މުހައްމަދުގެ އިތުރުން ހަމަ އެރަށު ނަޝީދީގޭ/ މުހައްމަދު ޝިފާޒުގެ މައްޗަށެވެ. އެ މީހުންގެ މައްސަލަ އަދި ނުނިމެ އެވެ.
އަބްދުﷲ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯދަމުން ދަނިކޮށް، އޭނާ މަރާލާފައި އޮއްވާ ފެނުނީ ހިތަދޫ ސްކޫލުގެ އިރުއުތުރު ކަންމަތީގައި އޮންނަ ޗަކަބިމަކަށް މޫނު ވަތަށް އެއްލާލާފައި އޮއްވަ އެވެ.
ފުލުހުން ކުރިން ބުނީ، އަބްދުﷲ އަލީ މަރާލީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އެގޮތުން އަބްދުﷲ އަލީ މަރާލުމަށްފަހު އޭނާގެ 40،000 ރުފިޔާ ނަގައިގެން ގެއެއްގައި ވަޅުލައި ފޮރުވާފައި ހުއްޓާ ވަނީ ފެނިފަ އެވެ. އަދި އޭނާގެ އަތުގައި އޮންނަ ރީލޯޑު ކުރަން ބޭނުންކުރާ ފޯނުގައި ހުރި ހުރިހާ ފައިސާ އެއްވެސް އެހެން ފޯނަކަށް ޓްރާންސްފާ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ