އެޗްއާރުއެޗްގައި ކަށީގެ ޑޮކްޓަރެއް ނެތި ހަ މަސް، ފާއިތުވި ގަޑިއިރު ތެރޭ 3 މީހުން އަތް ބިދިގެން ފަރުވާ ނުދެވި!

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ހަ މަސް ދުވަސްވެފައި ވަނިކޮށް ފާއިތުވި ގަޑިއެއްހާ އިރު ތެރޭ 3 މީހަކު އަތް ބިދިގެން ގެނެސް ފަރުވާ ނުދެވިގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި އަތް ބިދިގެން ހޮސްޕިޓަލަށް ގެނައި ތިން މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެކުއްޖާގެ ދެއަތް ބިނދިފައިވާ އިރު ސާޖަރީއެއް ހެދުމަށް މިހާރުވަނީ އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައެވެ. އަދި އިތުރު ދެ މީހަކު މިވަގުތުވެސް ދަނީ އިމެޖެންސީގައި ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާއިރު މި މައްސަލަ ހައްލު ކުރުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ އެއްވެސް ތަފްސީލެއް ނުލިބެއެވެ
އައްޑޫ ހޮސްޕިޓަލުގައި ދިމާވެފައި ހުރި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ތަކުރާރުކޮށް "އައްޑޫ ލައިވް" އިން މެސެޖުތަކެއް ކުރި ނަމަވެސް އެކަމަށް މިނިސްޓަރު އަދި މިހާތަނަށް ޖަވާބެއް ދެއްވާފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ހެލްތު މިނިސްޓްރީންވެްސް މިކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ. މީގެ ކުރިން އައްޑޫގެ ސިއްހީ ނިޒާމުގެ މައުލޫމާތު ހޯދުމަށް ހެމްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ޖަވާބު ދެއްވާނެކަމަށް ވިދާޅުވިފަހުން ހަބަރެއް ނުވެއެވެ.
އައްޑޫ ހޮސްޕިޓަލުގައި ގިނަ މައްސަލަތަކެއް ހުރިއިރު ދާދިފަހުން ހޮސްޕިޓަލުގެ އިސްވެރިން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު ވަނީ 92 މައްސަލައެއް ފާހަގަކޮށްފައެވެ.
މީގެ ތެރެއިން މައިގަނޑު މައްސަލަތަކުގެ ގޮތުގައި ޝާހު ފާހަގަ ކުރެއްވީ ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމަންޓްސް އާއި ހޮސްޕިޓަލަށް ބޭނުންވާ ޒަރޫރީ ސާމާން ހޯދުމުގައި ހުރި ދަތިތަކާއި، ބޭނުންވާ އަދަދަށް މުވައްޒަފުން ނުލިބުމާއި ހޮސްޕިޓަލުގެ އޮނިގަނޑު ރޭވިފައިވާ ގޮތް ރަނގަޅު ނޫން ކަމުގެ މައްސަލައެވެ.
އަދި އީސީސީ އިމާރާތް އާ ހޮސްޕިޓަލުގެ ގޮތުގައި ތަރައްޤީކޮށް ހުޅުވުނު ކަމުގައިވިޔަސް މި މައްސަލަތަކަށް ހައްލެއް ނުލިބި އައްޑޫގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ދަތިވާނެ ކަމަށްވެސް އެ ބައްދަލުވުމުގައި ޝާހު ވިދާޅުވިއެވެ.
މާލެ ފިޔަވައި އެންމެ ބޮޑު އާބާދީ ދިރިއުޅެމުން އަންނަ އައްޑޫ ސިޓީގެ ސިއްހީ ނިޒާމު ރަނގަޅު ނުކުރެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 5 މަސް ވެގެންދާއިރު ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އައްޑޫއަށް ވަނީ ވަޑައިގެންފައެވެ. ނަމަވެސް އެ ދަތުރުފުޅަށް ފަހު ކަންކަން ހައްލު ކުރެއްވުމަށް އެޅުއްވި ފިޔަވަޅެއް އަމީން ވިދާޅެއް ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 7 މެމްބަރުންނާއި، އެމްޑީޕީގެ 7 ކައުންސިލަރުން ތިބެ އައްޑޫގެ ސިއްހީ ނިޒާމުގެ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ދިއުމަކީ ގިނަ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. އަދި އެކަމާއި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުން އަންނަ އިރު ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ