އެޑިއުކޭޝަނުގެ ޕީއެސްއަކަށް އަހުމަދު އަލީ
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ އައްޔަނުކުރައްވައިފިއެވެ. އޭނާ މަގާމަށް އައްޔަނު ކުރެއްވީ މިއަދުއެވެ. މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދެވެ. އަހުމަދު އަލީ އަކީ ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޕްރިންސިޕަލްގެ މަގާމާއި ސ. ފޭދޫ އަދި އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. https://twitter.com/EducationMV/status/1139045452622381056 އަހުމަދު އަލީ އަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަހުމަދު އަލީ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ ފުރިހަމަކޮށްފައެވެ. އަދި 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވާސިޓީން މާސްޓާ އޮފް އެޑިއުކޭޝަންއިން ސްކޫލް މެނޭޖްމަންޓް ހާސިލުކޮށްފައިވެއެވެ. ދިވެހި ސިވިލް ސާވިސްގެ ގަވާއިދާއި އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީއަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އިހްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ