ކޮމަންޑޫ ދާއިރާގެ 3 ކެންޑިޑޭޓުންވެސް އެންޓި ކެމްޕޭން ކުރާތަން ފެނޭ: ފުވާދު

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރައްވާ 3 ކެންޑިޑޭޓުންވެސް އެންޓި ކެމްޕޭން ކުރާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫ ހިމެނޭ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮޑިއަށް ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ، އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އަދި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ވަނީ ކުރިމަތިލާފައެވެ.
ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުވާދު ވިދާޅުވީ ތިން ކެންޑިޑޭޓުންގެވެސް ކެންޕޭން ހަރަކާތްތައް އިލެކްޝަން ކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭނާ ގުޅޭ ޝަކުވާއެއް އައިސްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ޝަކުވާއެއް އަތުވެއްޖެނަމަ އެ ކަމެއް ބަލާނެ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ކެންޕޭން ކުރުމުގެ ގަވާއިދުތަކާ އެއްގޮތަށް ކެމްޕޭން ކުރުމަށާއި އެންޓި ކެމްޕޭން ނުކުރުމަށް އިރުޝާދު ދެމުން އަންނަ ކަމަށާއި އެހެންނަމަވެސް ފެންނަނީ އެ މަންޒަރެއް ނޫންކަމަށެވެ. އަދި 3 ކެންޑިޑޭޓުންވެސް އެންޓި ކެމްޕޭން ކުރާ މަންޒަރު ފެންނަ ކަމަށް ފުވާދު ވަނީ ވިދާޅުވެފައެވެ.
ފުވާދު އިތުރަށް ވިދާޅުވީ މަޖިލީހަށް ހޮވޭ ބޭފުޅަކީ ގާނޫން ހައްދަވަން ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ކެމްޕޭން ކުރަންވަންވެސް ވާނީ އެ ގާނޫނުގެ ތެރެއިން ކަމަށެވެ.
މި އަންނަ މަހުގެ 5 ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެ އިންތިހާބަށް ތައްޔާާރު ވުމަށްޓަކައި ފާސްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ފުވާދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ