އަބްދުﷲ ކަމާލުއްދީންވެސް ސިޔާސީ ޕާޓީއެއް އުފައްދަވަނީ

‎"ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ރައީސް މައުމޫނުގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފިއެވެ.
‎މިކަމާއި ގުޅިގެން އަބްދުﷲ ކަމާލުއްދީން ވަނީ ނޫސްބަޔާނެއްވެސް ނެރުއްވާފައެވެ. މިނޫސްބަޔާނުގައި ބުނެފައިވަނީ ‎އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ‎ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށެވެ. އަދި ‎މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން‎ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ‎ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކިވަޑައިންނަވާ ކަމަށްވެސް ބުނެފައިވެއެވެ.
‎އެހެންކަމުން ކަމާލުއްދީން އާއި އެއް ޚިޔާލެއްގައި، އެއް މަޤްޞަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ ‎މަޝްވަރާގެ މަތިން، "ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ" (ނޭޝަނަލް ސޮލިޑަރިޓީ ޕާޓީ) ގެ ނަމުގައި އައު ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް، މިއަދު ހުށައަޅުއްވާފައި ވާނެކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
‎އަދި މިކަމާއިގުޅޭ އިތުރު މަޢުލޫމާތު، އިލެކްޝަން ކޮމިޝަނުން ހުއްދަ ދެއްވުމުން ޙިއްސާ ކުރަމުން ގެންދާނެ ކަމަށްވެސް ކަމާލުއްދީންގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ‎އަބްދުﷲ ކަމާލުއްދީން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެކި އެކި ވުޒާރާތަކުގައި ވަޒީރުކަން ކުރެއްވެވި ބޭފުޅެކެވެ.
‎އަބްދުﷲ ކަމާލުއްދީން ދާދި ފަހަކާއި ޖެހެންދެން ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޕާޓީ ކަމަށްވާ އެމްއާރުއެމްގައެވެ. އަދި ޖުމްހޫރީޕާޓީ ގައިވެސް އެމަނިކުފާނު ހުންނެވިއެވެ.
‎މިދުވަސްވަރަކީ ސިޔާސީ ޕާޓީތައް އުފެއްދުމުގެ އަޑުތައް ގަދަވާން ފަށާފައިވާ ދުވަސްވަރެކެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ތެރެއިން ވެސް އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ދަނީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ