ވަގުތު ނޫހާއި ދެކޮޅަށް މެމްބަރު އިމްތިޔާޒް ޕޮލިހަށް މައްސަލަ ހުށަހަޅައިފި

ހަށިފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅިދާނެފަދަ ލިޔުމެއް އޮންލައިން ނޫސް "ވަގުތު" ގައި ޝާއިއުކޮށްފައިވާ ކަމަށް ވިދާޅުވެ ކަނޑައެޅިފައިވާ ގާނޫނުތަކުގެ ތެރެއިން މައްސަލަ ބަލައިދިނުމަށް އެދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފުލުހުންނަށް ހުށަހަޅައިފި އެވެ.
މެމްބަރު އިމްތިޔާޒް، ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާގެ ހަށިފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމުގެ ނުބައި ނިޔަތުގައި އޭނާ އާއި ގުޅުވައިގެން ވަގުތު ނޫހުގައި ލިޔުންތަކެއް ލިޔެ، ހިންގާފައިވާ އަމަލަކީ ޖިނާއީ ކުށެއްގެ އަމަލެއް ކަމަށްވާތީ އެމައްސަލަ ތަހްގީގުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ސަރުކާރަށް ތާއީދުކޮށް ލިޔުންތައް ލިޔާ ވަގުތު ނޫހުގައި އަޅުގަނޑާ ގުޅުވައިގެން ނުބައި ނިޔަތުގައި ގަސްތުގައި ލިޔުންތަކެއް ލިޔެ، އަޅުގަނޑުގެ ހަށިފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް މަސައްކަތްކޮށް ހިންގާފައިވާ އަމަލަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތާއި ޖިނާއީ ކުށްތައް ކަނޑައަޅާފައިވާ އެނޫންވެސް ބައެއް ގާނޫނުތަކުގަ އާއި އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގައި ޖިނާއީ ކުށުގެ އަމަލެއް ކަމަށްވާތީ އެޖިނާއީ ކުށުގެ މައްސަލަ ތަހްގީގުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅަމެވެ." އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އިމްތިޔާޒް ވަނީ ވަގުތު ނޫހުގައި އޭނާގެ ހަށިފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅިދާފަދަ ތިން ހަބަރެއް ޝާއިއުކޮށްފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ވަގުތު ނޫހުން މިދިޔަ ޑިސެމްބަރު މަހު 28 ވަނަ ދުވަހު ލިޔެފައިވާ "ބުދު ދީންވެސް ރާއްޖެއަށްވުރެ ރަނގަޅު - މެމްބަރު އިމްތިޔާޒު"، މި ސުރުހީ ގެ ދަށުން ލިޔެފައިވާ ލިޔުމާއި، ހަމަ އެދުވަހު "ބުދު ދީނަށްވުރެ ރާއްޖޭގެ ކަންކަން މާ ގޯސް - މެމްބަރު އިމްތިޔާޒް"، މި ސުހީގެ ދަށުން ލިޔެފައިވާ ލިޔުމުގެ އިތުރުން މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޝާއިއު ކޮށްފައިވާ "އިސްލާމީ ގައުމުތަކަށްވުރެ ކާފަރު ޑިމޮކްރެސީ މާރަނގަޅު - މެމްބަރު އިމްތިޔާޒް" މިސުރީގައި ލިޔެފައިވާ ހަބަރު އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
އިމްތިޔާޒް ވިދާޅުވީ "ބުދު ދީންވެސް ރާއްޖެއަށްވުރެ މާރަނގަޅު" މި އިބާރާތާއި "ބުދު ދީނަށްވުރެ ރާއްޖޭގެ ކަންކަން ގޯސް" މިހެން ލިޔެފައިވާ އިބާރާތަކީ އޭނާ ވިދާޅުވެފައިވާ އެއްޗެއް ކަމަށް ހަދައި ވަގުތު ނޫހުން އަމިއްލަޔަށް ހަދައިގެން ލިޔެފައިވާ އިބާރާތްތަކެއް ކަމަށެވެ. އަދި "އިސްލާމީ ޝަރީއަތުގައި އޮންނަނީ ކޮން ގޮތަކަށްތޯ. މަރަށް މަރު ނުހިފޭނެ ނޫންތޯ،" މި ގޮތަށް އޭނާ ވިދާޅުވި ކަމަށް ވަގުތު ނޫހުގައި ލިޔުމަށްފަހު، މަރަށް މަރު ނުހިފޭނެ ސަބަބުތައް ޝަރީއަތުގައިވާ ގޮތަށް ވިދާޅުވެ އޭނާ ދެއްކެވި ވާހަކަތައް ވަގުތު ނޫހުން އުނިކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ގޮތަކަށް ބައެއް އުނިކޮށްފައިވަނީ ވަގުތު ނޫހުން ގަސްދުގައި އޭނާގެ ވާހަކަ އޮޅުވާލުމަށްޓަކައި ކަމަށް ދެކޭ ކަމަށެވެ.
"ވަގުތު ނޫހަކީ އާޓިކަލެއް ޕަބްލިޝްކުރުމަށްފަހު ވެސް އެޑިޓްކޮށް އުނިއިތުރު ގެނައުމުގެ އަމަލުތައް ހިންގުމަށް މަޝްހޫރު ނޫހެކެވެ. އެގޮތުން މިދެންނެވި އާޓިކަލްވެސް މާނަ އޮޅޭ ގޮތަށް ގަސްދުގައި ލިޔެ، ފިތުނައާއި ރުޅިވެރިކަން އުފައްދައި، އެ ނޫހުން ބޭނުންވާ މަގުސަދު ވަގުތު ކޮޅަކަށް ނަމަވެސް ހާސިލް ކުރުމަށްފަހު، އެހެން ތާރީހެއްގައި އަލުން އެ އާޓިކަލް އެޑިޓްކޮށް ވާރިސުންގެ ވާހަކަ ލިޔެ ތަފްސީލުކޮށްފައިވާކަން ފާހަގަކުރަމެވެ." އެސިޓީގައި ބުނެފައިވެ އެވެ.
އިމްތިޔާޒު، ސީޕީ އަރީފަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ދީނާއި ގުޅުވައިގެން މީހަކާމެދު ރުޅިވެރިކަމެއް އުފެއްދޭ ގޮތަށް ދައްކާ ވާހަކަޔަކުން ދެކޮޅުވެރިކަމަށް ނުވަތަ އަނިޔާވެރިކަމަށް އެމީހަކު ހުށަހެޅިދާ ގޮތްވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައިވެސް ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއް ކަަމަށެވެ.
މިސިޓީގައި އިމްތިޔާޒް ވިދާޅުވީ ވަގުތު ނޫހުން އޭނާއާއި ގުޅުވައިގެން އެފަދަ ލިޔުންތަކެއް ލިޔުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް މީހުންގެ މެދުގައި އޭނާއައި ދޭތެރޭ ނަފްރަތާއި ރުޅިވެރިކަން އުފެދި ހަށިފުރާނައަށް ނުރައްކާވާފަދަ ކޮމެންޓުތަށް ކޮށްފައިވާ ކަމަށެވެ. އަދި ދީނާއި ގުޅުވައިގެން ހަމަ މިގޮތަށް އުފެއްދި ނަފްރަތާއި ރުޅިވެރިކަމެއްގެ ސަބަބުން ރާއްޖޭގައި އެތައް ބަޔަކު ގަތުލުކޮށް، ވަގަށް ނަގައި ގެއްލުވާފައިވާކަންވެސް އޭނާވަނީ ފާހަގަކުރައްވާފަ އެވެ.
އިމްތިޔާޒް އިތުރަށް ވިދާޅުވީ މިމައްސަލައާއި ގުޅުންހުރި ފޮޓޯ އާއި ވީޑިއޯ އަދި ކިތާބީ ހެކިތައް މައްސަލައާއެކު ހުށަހަޅާފައިވާނެ ކަމަށާއި ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އަދި އެނޫންވެސް ބައެއް ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން މިމައްސަލަ ތަހުގީގުކޮށްދިނުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނު" އަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފް ގާނޫނަކަށްވާތީ އެ ގާނޫނުގެ ދަށުން މިމައްސަލަ ބެލުމަކީ އޭނާ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ