ސުޕްރީމް ކޯޓުގެ އަމުރާ މެދު ވާހަކަދައްކަން ރައީސަށާއި ދައުލަތަށް ވަގުތު ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރެފައިވާ ވަރުގަދަ އަމުރަށްފަހު ސަރުކާރަށް ވަރަށް ބޮޑު ހުއްޓުމެއް އައިސްފައިވާ ވަގުތެއްގައި ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ކުރީގެ ވެސްޓްޕާކް ހިމެނޭ ސަރަހައްދުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރީގައި ސަރުކާރު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކީ ކުރިން އެއްގޮތަކަށްވެސް ނެރެފާނެ ކަމަށް ގަބޫލުކުރެވުނު އަމުރެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި އެމަނިކުފާނާއި ދިވެހި ސަރުކާރު ދެމިތިބޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ވެސް ކަންކަން ދަނީ ރަނގަޅަށް ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވާހަކަ ދައްކައިގެން ކަންކަން ކުރިއަށް އެބަދާ ކަމަށާއި އުއްތަމަ ފަނޑިޔާރާ ވެސް ގުޅިފައިވާ ކަމަށެވެ. ސަރުކާރުގެ ފަރާތުން މިކަމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކީ ބަންޑާރަނައިބް މުހައްމަދު އަނިލް އެވެ.
ރައީސްގެ ވާހަކަފުޅަށް ބަލާއިރު ސުޕްރީމް ކޯޓުގެ އަމުރަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކުއްލި ސިހުމެކެވެ.
ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ސަރުކާރުގެ ދުއްޔަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ދިމާވި ކަންކަމަށް ކެތްތެރިވެވަޑައިގަންނަވާނެ ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މިކަން މެދުވެރިވާން ދިމާވި ސަބަބުތައް ބައްލަވާ އެމަނިކުފާނުގެ ފަރާތްޕުޅުން ކަމެއް ރަނގަޅުކުރަން ޖެހޭނަމަ އެކަން ކުރައްވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ވާހަކަދައްކަން ވަގުތު ލިބެންޖެހޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ