ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓް ފްރީޒްކޮށްފައިވަނީ ހަގީގަތެއް ނެތް މައްސަލަތަކެއް އުފައްދައިގެން ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ވިލާ އިން ދައުލަތަށް ދައްކަން އެންމެ ރުފިޔާއެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ އިސްލާމް ދީނާ ދިވެހި ދައުލަތާ ދިވެހި ރައްޔިތުން ދެކެ ލޯބިވާ މީހަކަށްވާތީ ދައުލަތަށް ދައްކަންޖެހޭ އެއްޗެއް ދުވަހަކުވެސް ނުދައްކާ ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނު މިގައުމާއި، މިގައުމުގެ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތް ދިވެހި ރައްޔިތުން ބަލައިގަނެ އެކަމަށް ހެކިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ތ. އެލާއިން ލިބެންޖެހޭ ފައިސާތަކެއް ވިލާ އިން ދައުލަތަށް ނުދައްކާ ކަމަށް ބުނެ ވިލާގެ އެކައުންޓް ފްރީޒްކުރި ނަމަވެސް އެއްބަސްވުންތައް ހުރި ގޮތުން އެފައިސާ ވިލާ އިން ދައުލަތަށް ދައްކަންޖެހެނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. އެހެންކަމުން ފައިސާތަކެއް ދައްކަންޖެހޭ ކަަމަށް ބުނެ ކުޅެނީ ޑްރާމާއެއް ކަމަށްވެސް ވިދާޅުވި އެވެ.
ވިލާ ޝިޕިންގެ އެކައުންޓް ފްރީޒްކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިލާއަށް މިމަހުގެ 22 ވަނަ ދުވަހު ފޮނުވި ސިޓީގައިވާ ގޮތުން ތ. އެލާގެ ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ 3.8 މިލިއަން އެމެރިކާ ޑޮލަރާއި، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރާއި އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ 226،351 އެމެރިކާ ޑޮލަރާއެކު ޖުމްލަ 18.6 މިލިއަން އެމެރިކާ ޑޮލަރު ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހެ އެވެ.
ނަމަވެސް ގާސިމް މިއަދު ވިދާޅުވީ ތ. އެލާގެ ކުއްޔާއި އެޑްވާންސް ފައިސާގެ ގޮތުގައި ވިލާއިން މިހާތަނަށް ވެސް ދިވެހި ދައުލަތަށް 4.6 މިލިއަން ޑޮލަރު ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް މީރާއިން މިހާރު ދައްކަން ބުނާ ފައިސާއަކީ އެއްވެސް ހަގީގަތެއް ނެތް ކަންތައްތަކެއް އުފައްދައިގެން ދައްކަން އަންގާ ފައިސާތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
ވިލާ ގުރޫޕާ ދެކޮޅަށް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާތީ ގާސިމް މިއަދު ވަނީ އަނިޔާވެރިކަމުގެ ކުރިމަތީގައި އެމަނިކުފާނުގެ ބޭފުޅުންނާއި އެމަނިކުފާނުގެ މުވައްޒަފުން ކެތްތެރިވުމަށް އެދިވަޑައިގެންފަ އެވެ. އަދި އަނިޔާވެރިކަމުގެ ކުރިމަތީގައި އިސްޖަހާ ނުލުމަށްވެސް އިލްތިމާސްކުރެއްވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ވިލާ ގުރޫޕާ ދެކޮޅަށް ސިޔާސީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއި ދެކޮޅަށް ޝަރުއީ ކޯޓްތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިގެންދާއިރު އިންސާފު ލިބޭނެ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ފަނޑިޔާރުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށް ޖަލަށްލީ ނަމަވެސް އެކަމާ ޖެހިލުން ނުވާ ކަމަށެވެ. އެމަނިކުފާނު ކުށެއް ނުކުރާ ކަމަށާއި އެހެންކަމުން ކުށެއް ނުކުރާހާ ހިނދަކުން ޖެހިލުންވެ ބިރު ގަންނަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ ވިލާގެ އެކައުންޓްތައް މިފަހަރު ފްރީޒްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ކަމަށެވެ. މަޖިލީހުގެ ރައީސްއާ މެދު ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރިކަން މަޖިލީހުގެ މެންބަރުންނަށް ގަބޫލުކުރެއްވޭނަމަ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން ވޯޓް ދެއްވުމަކީ މެންބަރުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެމަނިކުފާނު ވެސް އަމަލުކުރެއްވީ އެ އުސޫލުން ކަމަށްވެސް ވިދާޅުވި އެވެ.
ތ. އެލާއިން ލިބެންޖެހޭ ފައިސާތަކެއް ނުލިބޭ ކަމަށް ބުނެ ވިލާ ޝިޕިންގެ އެކައުންޓް ފްރީޒްކުރި މައްސަލަ ވިލާއިން މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އަދި ޝަރީއަތުން ބޭރުގައި މައްސަލައަށް ހައްލެއް ނުލިބުމުން މިހާރު ވަނީ މިމައްސަލަ ޝަރީއަތަށް ފޮނުވާފަ އެވެ.
ވިލާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވާނީ ވިލާ ޝިޕިން އިން ދައްކަން ނުޖެހޭ ފައިސާތަކެއް ނުދައްކައިގެން ކަމަށް ބުނެ މީރާއިން ވިލާ ޝިޕިންގެ އެކައުންޓް ފްރީޒްކުރުމުން އެއީ ދައްކަން ނުޖެހޭ ފައިސާތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެމައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން ވިލާ ޝިޕިންއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ބުނާ ކޯޓު އަމުރެއް ނެރެދިނުމަށެވެ.
މީގެ ކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހޭ 99 މިލިއަން އެމެރިކާ ޑޮލަރު ނުދައްކާ ކަމަށް ބުނެ އެފަހަރު ވެސް ވިލާ ގުރޫޕުގެ އެކައުންޓްތައް މީރާއިން ފްރީޒްކޮށްފައިވެ އެވެ. ވިލާ އިން މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ވިލާ ގުރޫޕުން އޭރު ވެސް ބުނެފައިވެ އެވެ. ނަމަވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދެވެން އޮތީ ވިލާގެ އެކައުންޓްތައް ދޫކޮށްލުމުން ކަމަށްވާތީ މީރާއިން އެދުނު ގޮތަށް ފައިސާ ދައްކަން އެއްބަސްވީ ކަމަށްވެސް ވިލާއިން ބުނެފައިވެ އެވެ.
ވިލާ އިން މީރާއަށް ދައްކަންޖެހޭ ފައިސާތަކެއް ދައްކާފައި ނުވާ ކަމަށް ބުނެ ވިލާ ޝިޕިންގެ އެކައުންޓް ދެވަނަ ފަހަރަށް ފްރީޒްކޮށްފައިވާއިރު މީރާއަށް ގަވައިދުން ފައިސާ ދައްކާ ކުންފުނިތަކަށް ދެމުންގެންދާ ރަންލާރި އެވޯޑް ވިލާ ގުރޫޕަށް މީގެ ކުރިން ދީފައިވެ އެވެ.
ވިލާގެ އެކައުންޓް ފްރީޒްކުރީ މައްސަލައެއް އުފައްދައިގެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ