ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިރޭ (ބުދަ) 8:30 ހާއިރު އެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެންނެވީ 12:00 ޖަހާ އެހާއިރު އެވެ.
ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ފުލުހުން އެމަނިކުފާނާ ސުވާލުކުރެއްވީ އިދިކޮޅު ލީޑަރުން ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރު ދައުރަކަށް ހޮވުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ވާހަކަ ދެއްކެވީ އެމަނިކުފާނު ނިސްބަތްވާ ޖޭޕީގެ މަޖިލިސް މެންބަރުންނާ މުހާތަބު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ކޮންމެ ބަޔަކަށް ވެސް އެބަޔަކު ބޭނުންވާ ގޮތަށް މާނަކުރެވިދާނެ ކަމަށާއި އެކަމަކު އެމަނިކުފާނު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރީ "ސިޔާސީ ބޮޑު މަޖާގަނޑެއްގެ ތެރެއިން" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ސިޔާސީ ގޮތުން ކަންތައްތަކެއް ހަޖަމުނުވެގެން އުޅޭ ބަޔަކު ކޮށްގެން އުޅޭ ކަންތައްތަކެއް. އަޅުގަނޑުމެން އަޑުއެހިން ދެއްތޯ ހޫނުފެން އަޅާ ވާހަކައާއި އަޅުގަނޑުމެން އަޑުއެހިން ދެއްތޯ ހިތިރަހަ ލައްވާލާނެ ވާހަކައާއި އަދި އެނޫން ވާހަކަތައްވެސް. އަޅުގަނޑުމެން ނޫޅެން އެކަމަކާއެއް. ދެން ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއީ ސިޔާސީ ބޮޑު ކުޅިގަނޑެއްގެ ތެރެއިން ހިނގާ ކަމެކޭ. އެނޫން އެނެއްްހެން އެއްވެސް ކަމެއް އޮތް ކަމަކަށް ނުދެކެން،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަށްޓަކައި ކުރައްވާ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތްތަކުގައި މާތްﷲގެ ރަހްމަތްފުޅާއެކު މާލަސްތަކެއް ނުވެ ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރީ ބަޔަކު ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެންކަމުން އެމައްސަލާގައި ވަަރަށް އަވަހަށް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނެގީތީ އުފާކުރައްވާ ކަމަށާއި މިރޭ އަމަލުކުރެއްވި ގޮތަށް "ހޫނުފެން" އެޅޭނެ ކަމަށް ވިދާޅުވި މެންބަރުންގެ މައްސަލަ ވެސް އަވަހަށް ބަލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ކުރިން ހޯމް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވީ ފުލުހުން މިރޭ އެމަނިކުފާނާ ދޭތެރޭގައި އަމަލުކުރެއްވީ ވަރަށް ޕްރޮފެޝަނަލް ވަރަށް ރަނގަޅަށް ކަމަށެވެ. އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ފުލުހުން މިރޭ އަދާކުރެއްވީ ފުލުހުންގެ ގާނޫނީ ވާޖިބެއް ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ މައްސަލަ ތަހުގީގުކުރަން ސުވާލުކުރެއްވި އެއްވެސް ފުލުސް ބޭފުޅަކާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި މިރޭ ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެންނެވީ މައްސަލައިގެ ތަހުގީގު ނިންމާ ތަހުގީގު ބަޔާނުގައި ސޮއި ވެސް ކުރެއްވުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
"ސިޔާސީ މަސްރަހުގައި އުޅޭއިރު މިކަހަލަ ރާޅުރާޅާއި ބާނިގަޑާ ވެސް ދިމާވާނެ. އެކިގޮތްގޮތަށް އަންނާނެ ނޫންތޯ ނުވަތު ރޯޅިއާއި ރަނގަޅު ރޯޅިއާއި ހުރިހާ ފަރާތަކާ ވެސް ދިމާވާނެ. އެއީކީ ދެން މައްސަލައެއް ނޫނެއް ނޫންތޯ،" އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިރޭ ފުލުސް އޮފީހަށް އެމަނިކުފާނު ހާޒިރުކުރީ ބިރު ދައްކަން ކަމަށް ބައެއް ރައްޔިތުން ބުނާ ކަމަށާއި ނަމަވެސް މިހެން ކުރާ ކަމަކުން އެމަނިކުފާނު ބިރު ނުގަންނާނެ ކަން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ މިހާރު ކުރައްވާ މަސައްކަތުގައި ވަރަށް ކާމިޔާބު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ގާސިމް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރިއިރު މިއަދު މިއީ ފުލުހުންގެ އަހަރީ ދުވަހެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ދިވެހި ފުލުހުންގެ 84 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުން ފުލުހުންނަށް ފޮނުވާފަ އެވެ. ގާސިމް ވިދާޅުވީ ސިޔާސީ ކަންކަމުގައި ވަރަށް ކުރިން ވެސް އެމަނިކުފާނު ފުލުހަށް ހާޒިރުކޮށް ސުވާލުކުރާ ކަމަށާއި ނަަމަވެސް އޭރާ އަޅާބަލާއިރު މިއަދު ފުލުހުންގެ ޓީމު ޒުވާންވެފައި އިލްމީވެފައި ވަރަށް ޕްރޮފެޝަނަލް ކަމަށްވެސް ވިދާޅުވި އެވެ. އަދި ފުލުހުންގެ ތެރެއިން މިބަދަލު ފެންނާތީ ވަރަށް އުފާވާ ކަމަށްވެސް ވދިާޅުވި އެވެ.
ގާަސިމް ވަނީ އެމަނިކުފާނުގެ ގާނޫނީ ޓީމުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ގާނޫނީ ޓީމުގެ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.
އަޅުގަނޑަށް ތުހުމަތުކުރީ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ