ނަރީޝް ވިދާޅުވީ ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވީ މައުލޫމާތު ނެތް ކަމަކަށް ވާތީ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ހެކިބަސް ދެއްވަން އިއުތިރާޒުކޮށް ކޯޓަށް އެންގެވީ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމެއްގައި ހެކިބަސް ދެއްވަން ބޭނުން ނުވާތީ ކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތަށް ޔާމީން ހުށަހެޅުއްވި ހެކިތަކުގެ ތެރޭގައި ނަރީޝް ހިމެނެ އެވެ.
ނަމަވެސް ނަރީޝް ހެކިބަސް ދެއްވަން އިއުތިރާޒުކުރައްވައި ކޯޓަށް ސިޓީއެއް ފޮނުއްވި އެވެ. އެހެން ވިޔަސް، ނަރީޝް ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގަން ޔާމީން ބޭނުންފުޅެއް ނުވި އެވެ.
ބުނީ ކީކޭ؟ - ޔާމީން މިހާރު ހިންގާ ޕީއެންއެފްގެ އެކްޓިވިސްޓަކު 'އެކްސް'ގައި ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުން ނަރީޝް ވިދާޅުވީ ކަމުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"މި ނޫން ދުވަހެއް އޮތްކަން ހަނދާންކޮށް ބިރުވެތިވެ، ހެޔޮބަސްއަހައި ގަބޫލުކޮށްގެން، ކަމުގެ މައުލޫމަތު ނެތް މައްސަލައެއްގައި ހެކިބަސް ދޭން އިއުތިރާޒުކުރީ،" ނަރީޝް ވިދާޅުވި އެވެ.
ފާހަގަކުރެވޭ - ނަރީޝްގެ އިތުރުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވެސް ވަނީ ހެކިބަސް ދޭން ދެކޮޅު ހައްދަވައިފަ އެވެ.
އެނގުން މުހިންމު - ޔާމީނާ އެއްކޮޅަށް ހެކިބަސް ދޭން ނަރީޝް އާއި ޝުއާއުﷲ ދެކޮޅު ހެއްދެވިއިރު، ޔާމީން ވަނީ މިހާރު ވެރިކަންކުރާ ޕީއެންސީއާ އެކު އޭރު ހިމެނޭ ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފައްދަވައިފަ އެވެ.
މިހާރު އޮތް ސަރުކާރާ ދެކޮޅަށް ޔާމީން ނުކުންނެވި ފަހުން ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ޔާމީނާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ. އަދި ޔާމީން ވެސް ގެންދަވަނީ ސަރުކާރުގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
ގުޅުން ހުރި - ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތުގައި ވެސް ނަރީޝް ޔާމީންގެ ދިފާއުގައި ހެކިބަސް ދެއްވި އެވެ.
ނަރީޝް ދެއްވީ ދޮގު ހެކިބަސް ކަމަށް ވެސް އޭރު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ޝަކީލް ކުރެއްވި ހުކުމުގައިވެ އެވެ. 'ދޮގު' ހެކިބަސް ދެއްވި ކަމަށް ހުކުމްކުރުމުން ފުލުހުން މައްސަލަ ބަލަން ވެސް އޭރު ފެށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ