އޭޕްރިލް 18، ގައި ހ. މިޓާޒް ގޭ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، 22، އަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ ނުކުރީ އިޖުރާއަތާ ހިލާފަށް ފުލުހުން އަމަލު ކޮށްފައި އޮތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، އަހުމަދު ޝަފީއު ވިދާޅުވީ ރައުދުގެ ކުޑަކަމުދާތަކެތި ނެގުމުގައި ފުލުހުން އަމަލު ކޮށްފައި އޮތީ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތާ ހިލާފަށް ކަމަށެވެ.
"އޭރުގައި ފުލުހުން ހާމަކުރީ ޔޫރިން ޕޮޒިޓިވްވި ކަމަށް، އެއަށް ދައުވާ ނުކުރި ސަބަބަކީ ކުޑަކަމުދާތަކެތި ނެގުމުގެ އިޖުރާއަތާ ހިލާފަށް [ފުލުހުން] އޮތީ ނަގާފައި،" ޝަފީއު ވިދާޅުވި އެވެ.
ރައުދުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ފުލުހުން ނެގީ ޔުމްނު ވެއްޓުނު ހާދިސާއަށް 24 ގަޑިއިރު ވާން ގާތްވެފައި ހުއްޓާ އޭޕްރިލް 19، ގަ އެވެ. ނަމަވެސް އޭނާގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ފުލުހުން ނެގީ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ޝަފީއު ވިދާޅުވި އެވެ.
"ގާނޫނު އޮންނަ ގޮތުން [ކުށެއްގެ ތުހުމަތުގައި] ހައްޔަރުގައި ހުންނަ މީހުންގެ ޔޫރިން ނެގޭނީ، ވަކި ހާލަތްތަކެއް މެދުވެރިވެގެން، މިސާލަކަށް ފުލުހުންނާ ދިމާވާއިރުގައި މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރިކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ކުރުން، ބޭރުފުށުން ފެންނަންޖެހޭ ތުހުމަތު ކުރެވޭ ސަބަބުތަކެއް، އެ ހުރިހާ ސަބަބުތަކެއް، ގާނޫނުގައި ބުނާ އިޖުރާއަތްތަކެއް ފުރިހަމައެއް ނޫން ޔޫރިންއަށް ދައުވާ ކުރާކަށް،" ޝަފީއު ވިދާޅުވި އެވެ.
ކުޑަކަމުދާތަކެއްޗަށް ޕޮޒިޓިވްވުމުގެ އިތުރުން ހުއްދަ ނެތި ތަނަކަށް ވަނުމުގެ ދައުވާ ވެސް ރައުދުގެ މައްޗަށް ކުރުމުގެ ފުރުސަތު އޮތެވެ. ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީއަކީ ރައުދު އަދި ޔުމްނު އާވެސް އެއްވެސް ގުޅުމެއް ހުރި ގެއެއް ނޫން ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ރައުދުގެ މައްޗަށް ދައުވާ ނުކުރީ އެ ގޭގެ ވެރިފަރާތުން އެ މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާ ކުރަން ބޭނުން ނުވާތީ ކަމަށް ޝަފީއު ވިދާޅުވި އެވެ.
"ފުލުހުން ތަހުގީގު ކުރި އެ ބައި ވެސް، އެކަމަކު ގޭގެ ވެރިފަރާތުން ބުނެފައި އެބައޮތް ދައުވާ ކުރަން ބޭނުން ނުވާ ކަމަށް، އެހެންވީމާ ހެކި ގަރީނާ ނެތީ އެ ދައުވާ ކުރެވޭ ވަރަށް، އެއީ ހުއްދަ ނެތި ތަނަކަށް ވަންނަންޏާމުން [އެ ގޭގެ] ވެރިފަރާތުން އެ ދައުވާ ކުރަން ބޭނުންވަންޏާމުން އެ ދައުވާ ކުރަނީ،" ޝަފީއު ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ތައްޔާރުކޮށް ނިމުމުގެ ކުރިން ރައުދުގެ މައްޗަށް ދައުވާ ކުރަން ނިންމީ ކީއްވެތޯ އަދަދު ނޫހުން ސުވާލު ކުރުމުން ޝަފީއު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާގެ މައްޗަށް ދައުވާ ކުރަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.
ކޮމިޝަނުގެ ރިޕޯޓު ތައްޔާރުކޮށް ނިމުމުގެ ކުރިން ރައުދުގެ މައްޗަށް ދައުވާ ކުރަން ނިންމީ ގާނޫނުގައި ބަޔާން ކުރާ މުއްދަތު ހަމަވާތީ ކަމަށް ޝަފީއު ވިދާޅުވި އެވެ. ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައުދު ހައްޔަރު ކުރީ އޭޕްރިލް 24، ގަ އެވެ. ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ރައުދުގެ މައްޗަށް ދައުވާ ކުރެވޭނެ އެންމެ ފަހު ތާރީހަކީ މިދިޔަ އާދީއްތަ ދުވަހެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ތައްޔާރުކޮށް ނުނިމުނު ނަމަވެސް އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތު ޕީޖީ އޮފީހާ ހިއްސާ ކުރި ކަމަށް ޝަފީއު ވިދާޅުވި އެވެ.
"އެމީހުން ބަލަމުންދާ ކަންކަން ޝެއާކުރި، ލިޔުމުންނެއް ނޫން، އެކަމަކު މި އޮފީހުގެ އިސްވެރިންނާ އެމީހުން ބައްދަލުކުރި އެ އިޝޫގައި، ދެން އަނެއްހެން ދައުވާއަށް އިތުރުވާނެ ކަންތައްތަކެއް ފާހަގައެއް ނުކުރޭ ކޮމިޝަނަކުން،" ޝަފީއު ވިދާޅުވި އެވެ.
"ދެން އެމީހުން ބަލާ ބެލުންތަކަށްފަހު ފުރުސަތު އޮވެދާނެ ހަމަ ތުހުމަތުތަކެއް އިތުރުކޮށްގެން ދައުވާ ކުރުމުގެ ފުރުސަތު އޮވެދާނެ، މިސާލަށް ރައުދުގެ މައްޗަށް ނޫނަސް އެމީހުން ބަލާނެތާ ބައެއްގެ އިހުމާލު އޮތްތޯ ވެސް، އެހެންވީމާ އެމީހުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް އޮންނާނެ،"
މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ރައުދުއަށް ނުކުރީ އިޖުރާތާ ހިލާފަށް ފުލުހުން އަމަލު ކޮށްފައި އޮތުމުން މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ރައުދުއަށް ނުކުރީ އިޖުރާތާ ހިލާފަށް ފުލުހުން އަމަލު ކޮށްފައި އޮތުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ