ރޯޔަލް ޗެލެންޖާސްއިން އައިޕީއެލް ނަގައިފި، ކޯލީއަށް ޚާއްސަ އުފަލެއް

ދުނިޔޭގައި ކުޅޭ އެންމެ ފާހަގަކޮށްލެވޭ ޓީ ޓުވެންޓީ ކްލަބް ކްރިކެޓް މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ރޯޔަލް ޗެލެންޖާސް ބެންބަލޫރޫ ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރޯޔަލް ޗެލެންޖާސް ކާމިޔާބުކޮށްފައިވަނީ ރޭ ކުޅުނު ފައިނަލްގައި ޕަންޖާބް ކިންގްސްއާ ބައްދަލުކޮށް ހަ ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މި ކާމިޔާބީ ވެފައިވަނީ އައިޕީއެލް މީގެ 18 އަހަރު ކުރިން ފެށުނު ފަހު މި މުބާރާތުގެ ތަށި އާރްސީބީއަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރަށެވެ. އާރްސީބީއަށް ކުޅޭ އިންޑިއާ ދުށް އެންމެ ފާހަގަކޮށްލެވޭ އެއް ކްރިކެޓް ކުޅުންތެރިޔާ ކަމަށްވާ ވިރާޓު ކޯލީއަށް ކާމިޔާބުނުކުރެވި އޮތް ހަމައެކަނި ތަށިކަމުން އެކަމުގެ އުފާ ވެސް އާރްސީބީން އަންނަނީ ފާހަގަކުރަމުންނެވެ. އަހްމެދާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން ޕަންޖާބް ކިންގްސް ގަސްދުކުރީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އާރްސީބީން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 190 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 43 ލަނޑު ހަދައިދިން ކޯލީއެވެ. ނަމަވެސް، މެޗުގައި ކޯލީގެ ފަރާތުން އޭނާގެ އެންމެ މޮޅު ކުޅުން ފެނިފައެއް ނުވެއެވެ. މީގެ އިތުރުން، ކެޕްޓަން ރަޖަތު ޕަޓީޑަރުވަނީ 26 ލަނޑު ހަދައިދީފައެވެ. ޕަންޖާބް ކިންގްސްއަށް މި އީނިންގްސްގައި އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 40 ލަނޑަށް ތިން ވިކެޓް ނަގައިދިން އަރްޝްދީޕު ސިންގާއި ހަތަރު އޯވަރު 48 ލަނޑަށް ތިން ވިކެޓް ނަގައިދިން ކައިލް ޖެމީސަންއެވެ. ޖަވާބުގައި ޕަންޖާބް ކިންގްސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 184 ލަނޑެވެ. ޕަންޖާބް ކިންގްސްއިން މި އީނިންގްސް ވަރަށް ރަނގަޅަށް ފެށި ނަމަވެސް އާރްސީބީގެ އުކުންތެރިންގެ މޮޅު އުކުމުގެ ސަބަބުން ބޭނުންވި ވަރަށް ލަނޑު ހެދެމުން ނުދިޔަކަން ފާހަގަވިއެވެ. އަދި، އީނިންގްސްގެ މެދުތެރެއިން ކައިރި ކައިރީގައި މުހިންމު ދެތިން ވިކެޓް ގެއްލިގެން ދިއުން ވެގެންދިޔައީ އެ ޓީމަށް އަނބުރާ އަންނަން އުނދަގޫވި ކަމަކަށެވެ. މީގެ ތެރެއިން ވެސް ކެޕްޓަން ޝްރެޔާސް އިޔަރުގެ ވިކެޓް އެއް ލަނޑަށް ގެއްލުން ވީ އެ ޓީމަށް އަރައިގަންނަން ދަތިވި ކަމަކަށެވެ. މި އީނިންގްސްގައި އާރްސީބީއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލުކުރި ކްރުނަލް ޕާންޑިޔާއެވެ. އޭނާވަނީ ހަތަރު އޯވަރުގެ ތެރޭގައި 17 ލަނޑަށް ދެ ވިކެޓް ނަގައިދީފައެވެ. ބުވްނޭޝްވަރު ކުމާރުވަނީ ހަތަރު އޯވަރު 38 ލަނޑަށް ދެ ވިކެޓް ނަގައިދީފައެވެ. ޕަންޖާބް ކިންގްސްއިން ވެސް އެޓީމުގެ ފުރަތަމަ ތަށި ކާމިޔާބުކުރަން މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ