ތިމާވެށި ނާޒުކު ޤައުމުތައް ހިމާޔަތްކުރުމަށް މަޖިލިސް ރައީސްގެ ގޮވާލުން

އުޒްބަކިސްތާނުގެ ތަޝްކެންޓުގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 150 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ ވަނީ ދިވެހިރާއްޖެ ފަދަ ތިމާވެށި ނާޒުކު ޤައުމުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ގޮވާލައްވާފައެވެ.
"އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢުގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ އިޖުތިމާޢީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ޤާނޫނުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ޖެންޑަރ އިކުއަލިޓީ ޤާނޫނު ހިމެނެއެވެ.
މަޖިލީހުގެ ރައީސް އެމަނިކުފާނުގެ ވާހަކަފުޅުގައި، ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެގޮތް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ.
އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކަށް އަލިއަޅުވާލައްވަމުން، "ޑިޖިޓަލް ޒަމާނުގައި އެއްވެސް މީހަކު ފަހަތަށް ނުޖެހޭނެ ގޮތް ހެދުމަށްޓަކައި" ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސް ވާހަކަފުޅު ނިންމަވާލެއްވީ، މޫސުމަށް އަންނަ ބަދަލުތަކުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ދުނިޔޭގެ ސިޔާސަތުތައް އެކަށައެޅުމަށް ޤާނޫނުހަދާ މަޖިލިސްތަކަށް އިލްތިމާސްކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ