ބިންހެލުމުގައި ހަތަރު ގައުމުން މަރުވި މީހުންގެ އަދަދު 1300 އަށްވުރެ މައްޗަށް

ނޭޕާލަށް މިއަދު ހެދުނު އައި ވަރުގަދަ ބިންހެލުމުގައި އެ ގައުމާއި އެ ބިންހެލުމުގެ އަސަރު ފޯރި އިންޑިއާ އާއި ބަންގްލަދޭޝް އަދި ޓިބެޓް އިން މަރުވި މީހުންގެ އަދަދު މިހާތަނަށް 1300 އަށް ވުރެ ގިނަ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ހިމާލިޔާގެ އުސް ފަރުބަދަތައް މަތީގައި އޮންނަ ސާކްގެ މި ކުޑަ ފަގީރު ގައުމަށް ވޭތުވެދިޔަ 80 އަހަރުގެ ތެރޭގައި އައި އެންމެ ގަދަފަދަ ބިންހެލުމުގައި އެ ގައުމުން މިހާތަނަށް 1360 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އަވައްޓެރި ތިން ގައުމު ކަމަށްވާ އިންޑިއާގައި 34 މީހުން މަރުވިކަން ޔަގީން ކުރެވިފައި ވާއިރު، ޓިބެޓުގައި ވަނީ 10 މީހުން މަރުވެފައެވެ. އަދި ބަންގްލަދޭޝްގައި މިހާތަނަށް ރެކޯޑު ކުރެވިފައިވާ ގޮތުގައި ދެ މީހުން ވަނީ މަރުވެފައެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި އެކަނިވެސް 181 މީހުން މަރުވެފައި ކަމަށް އޮފިޝަލުން ވިދާޅު ވާއިރު، ނޭޕާލާއި ޗައިނާގެ އިމުގައި ޗައިނާގެ ދެ ރައްޔިތުން ވެސް ވަނީ މަރުވެފައިކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގައި އައި ބިންހެލުމަށް ފަހު އޭގެ ގަޑިއިރެއްގެ ފަހުން ވަނީ އެ ބިންހެލުމުގެ "އާފްޓާޝޮކް" ރިކްޓާ މިންގަނޑުން 6.6 ގައި އައިސްފައެވެ. އަދި އެތައް އިރެއް ވަންދެން ވެސް ކުދިކުދި ޝޮކްތައް އައިސްއައިސް ހުއްޓެވެ.
މި ބިންހެލުން ޕާކިސްތާނުގެ ލާހޯރުގައި ވެސް އިހުސާސް ކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފު ވިދާޅުވީ ނޭޕާލަށް ދެވެން އޮތް ހުރިހާ އެހީއެއް ދެއްވާނެ ކަމަށެވެ.
ނޭޕާލަށް 1934 ގައި ރިކްޓާ މިންގަނޑުން 8.0 ގައި އައި ބިންހެލުމުގައި ކަތުމަންޑޫ، ބަކްތަޕޫރު އަދި ޕަތަން އެއްކޮށް ކަހަލަ ގޮތަކަށް ސުންނާފަތިވިއެވެ. އަދި މިއަދު އައި ބިންހެލުމުގައި ނޭޕާލުގައި ޔުނެސްކޯއިން ހިމާޔަތް ކޮށްފައިވާ އާސާރީ އަދި ދީނީ ތަންތަން ބިމާހަމަވެގެންދިޔައެވެ. އޭގެ ތެރެއިން 1800 ގެ އަހަރުތަކުގެ ތެރޭގައި ނޭޕާލުގެ ރަސްރަސްކަލުން އިމާރާތް ކުރެއްވި ދަރަހަރަ ޓަވަރު ވެއްޓި، ޓޫރިސްޓުން ވަރަށް ގިނައިން ޒިޔާރަތް ކުރާ މި ތަނުގެ ދަށުގައި ތާށިވެފައި އަދިވެސް އެތައް ބަޔަކު ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގާތްގަނޑަށް 27.8 މިލިއަން މީހުން ދިރިއުޅޭ ނޭޕާލުގައި ހުންނަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ "އެވަރެސްޓް" އަށް މިއަދު ގުޑުން އަރައި، ފައިބައިގެންދިޔަ "އެވެލާންޗް" ނުވަތަ އައިސްތަކުގައި 30 މީހުން ޒަހަމް ވިއެވެ.
ބިންހެލުން އައީ ކަތުމަންޑޫގެ ހުޅަނގުދެކުނުން 50 މޭލު (80 ކިލޯމީޓަރު) ދުރުގައި، ބިމުގެ އަޑީގައި 7 މޭލު (11 ކިލޯމީޓަރު) ފުނުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ