އެއްފަހަރާ 200 މީހުންނަށް ފަރުވާދެވޭ ހެލްތް ކިއުބްތަކެއް އިންޑިއާއިން ހަދިޔާކޮށްފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައްޖެއަށް ކުރައްވަ ދަތުރުފުޅުގައި، އެގައުމުގެ ފަރާތުން ރާއްޖެއަށް "އާރޯގްޔަ މައިތްރީ ހެލްތު ކިއުބް" މިއަދު ހަދިޔާކުރައްވައިފިއެވެ. މިއީ ޒަމާނީ ވަސީލަތްތައް ހިމެނޭ ކުއްލި ސިއްހީ ޔުނިޓެކެވެ. މިއީ މިފަދަ ގޮތަކަށް ދުނިޔޭގައި އުފެއްދި ފުރަތަމަ ސިއްހީ ޔުނިޓެވެ. މިއަދު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި މީގެ ޒަމާނީ ދެ ޔުނިޓް ރާއްޖެއަށް ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްޤީއަށް އިންޑިއާއިން މެދުނުކެނޑި ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން، ހަދިޔާކުރި މިހެލްތު ކިއުބްގައި 85 އަށްވުރެ ގިނަ ބާވަތުގެ ފުރާނަ ސަލާމަތްކުރާ އާލާތްތަކާއި ތަކެތި ހިމެނެއެވެ. މީގެ ތެރޭގައި ވެންޓިލޭޓަރުތަކާއި، ޑީފިބްރިލޭޓަރުތަކާއި، އޮކްސިޖަން ތެރަޕީ ޑިވައިސްތަކާއި، ޓްރޯމާ ކިޓްތަކާއި، ބަލިމީހުން މޮނިޓާކުރާ އާލާތްތައް ހިމެނެއެވެ. މިއީ ކާރިސާ ދިމާވާ ސަރަޙައްދުތަކަށް ނުވަތަ އެކަހެރި ސަރަޙައްދުތަކަށް އަވަހަށް ފޮނުވޭ އެއްޗެކެވެ. އެއްފަހަރާ ގިނަ ބަލިމީހުންނަށް މިފަދަ ކިއުބްތައް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދެއެވެ. މި ނިޒާމުގެ ސަބަބުން ކުއްލި ހާލަތުގެ ކުޑަބޮޑުމިނަށް ބަލައި މޮޑިއުލާ ގޮތަކަށް ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބެއެވެ. މި ކިއުބްތަކަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ، އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބްތަކެކެވެ. މި ހެލްތު ކިއުބް ބޭނުންކުރުމާ ގުޅޭގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ސިއްހީ ދާއިރާގެ ޕްރޮފެޝަނަލުންނަށް އަމާޒުކޮށްގެން ހަފުތާއެއްގެ މުއްދަތަށް އެކުލެވޭ އަވަސް ތަމްރީނު ޕްރޮގްރާމެއް މިހާރުވަނީ ފަށާފައެވެ. 20 ބައިވެރިންނާއިއެކު، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މި ތަމްރީންތައް ކުރިޔަށް ގެންދާނެއެވެ. މީގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރާނަ ސަލާމަތްކުރުމަށް މި އާލާތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވޭކަން ކަށަވަރުކުރުމެވެ. ރައީސް އޮފީހުން ބުނީ އިންޑިއާއިން ހަދިޔާކުރާ މި ދެ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް"ގެ ކަންކަން ހިންގުމުގައި ހަރަކާތްތެރިވާނި ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސްއިންކަމަށެވެ. މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ގިނަ އެެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ