ބިލާއެކު މިނިވަން ނޫސްވެރިކަން މަރާލާނެ، އެމްޖޭއޭއިން ގޮވައިލީ ބިލު އަނބުރާ ގެންދަން
މީޑިއާ ކޮންޓްރޯލް ބިލާ އެކު މިނިވަން ނޫސްވެރިކަން އެކީ މަރާލާނެ ކަމަށާއި އެ ބިލު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން މިއަދު ގޮވާލައިފިއެވެ. ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭގޮތަށް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގައި ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރަކު ހިމެނޭ ގޮތަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ. އެ ބިލު ހުށަހެޅުއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އޭނާއެވެ. އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން'ގެ ބިލަކީ މެންބަރު ހަންނާން ކުރިން ހުށަހެޅުއްވި ބިލެކޭ އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށް އެ ޖަމްއިއްޔާއިން ދެކޭ ކަމަށެވެ. އަދި، އެ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. https://x.com/mjamaldives/status/1957608453632888880 އެމްޖޭއޭއިން ބުނި ގޮތުގައި ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާއިރު، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލުގައި ހިމަނާފައިވެއެވެ. އަދި، ނޫސްތައް ބަންދުކޮށް، ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެ ޖަމިއްޔާއިން ދެކޮޅު ހަދާކަމެއް ކަމަށާއި އަދި އެއީ މިނިވަން ނޫސްވެރިކަން އެކީ މަރާލުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރުން ތިއްބަވައި އަދި އެ މަނިކުފާނު ކަނޑައަޅުއްވާ ރައީސެއް ހުންނަވާ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓްކުރުމަކީ އެއްވެސް ގޮތަކުން އެ ޖަމިއްޔާއިން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް އެމްޖޭއޭއިން ބުންޏެވެ. އަދި، މީޑިއާތަކުން އެ ކޮމިޝަނަށް އިންތިޚާބުކުރާ މެންބަރުން ވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުންޏެވެ. މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ މި ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމެއް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އެމްޖޭއޭއިން ތުހުމަތުކުރި ގޮތުގައި އެ ބިލާ ގުޅޭ އެކި ކަންކަމުގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްކޮށް އުޅުއްވިކަން ކަށަވަރެވެ. އަދި، ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެއްގެ ނަމުގައި ބިލު މަޖިލީހަށް ހުށަހެޅުމަކީ އެކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ ސަބަބުތައް އެހެން ހުރުމުން މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާ ބިލަށް އެ ޖަމިއްޔާއިން ތާއީދެއް ނުކުރާ ކަމަށާއި އެ ބިލު އަނބުރާ ގެންދިޔުމަށް އެންމެހާ ނޫސްވެރިންގެ ފަރާތުން ބިލު ހުށަހެޅި މެންބަރަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ. އަދި، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ވެސް އެ ބިލަށް ވޯޓު ނުދީ، ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު -- ފޮޓޯ/ ރައީސް އޮފީސް މި ފަހަރު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު' އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައިވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ. އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްޙޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްޙޫރިއްޔާއެވެ. މި ބިލުގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ކޮމިޝަނުން ރަނގަޅުކުރުމަށް އަންގާ ކަމެއް އިސްލާހުކުރުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުނުކޮށްފިނަމަ 5،000 ރުފިޔާއާއި، 25،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި، ގާނޫނާ ޚިލާފުކަމެއް މީޑިއާ ނުވަތަ ނޫސް މަޖައްލާއަކުން ކޮށްފި ހާލަތުގައި 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެ ބިލުގައިވަނީ ހިމަނާފައެވެ. ވަކިން ޚާއްސަކޮށް ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ލިބޭގޮތަށެވެ. އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށްފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ