ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލް ކައިރިއަށް ބޮންއަޅައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިފި

ޣައްޒާ ސިޓީގައި އޮންނަ މައި ހޮސްޕިޓަލެއް ކަމުގައިވާ އަލް-ޝިފާ ހޮސްޕިޓަލް ކައިރިއަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ހަމަލަތަކެއްގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުވެއްޖެއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ ޔަހޫދީންގެ މިސައިލް ހަމަލަތައް އަމާޒު ކޮށްފައި ވަނީ އަލް-ޝިފާ ހޮސްޕިޓަލްގެ ގޯތި ތެރޭގައި އޮތް އެމްބިޔުލާންސްތަކަށް ކަމުގައެވެ. މި ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 13 އަށް އަރާ ކަމުގައި ރިޕޯޓުތައް ބުނާއިރު، އެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ޙަމާސް ޖަމާޢަތުން ބުނެއެވެ.
ޔަހޫދީ ފައުޖުން އަލް-ޝިފާ ހޮސްޕިޓަލުގެ އެމްބިޔުލާންސްތަކަށް ހަމަލަ ދީފައި މި ވަނީ، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,227 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,000 އަށް އުފުލިފައެވެ. ޔަހޫދީންގެ މި ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.
އެމްބިޔުލާންސްތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން މިސައިލް ހަމަލަތަކެއް ދީފައި ވަނީ، އެ ސަރަޙައްދުގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ހަރަކާތްތެރިވަމުން ދިޔަ ވަގުތެއްގައެވެ. މި ހާދިސާގައި 20 އަކަށް މީހުން ޒަޚަމުވި ކަމުގައި ރިޕޯޓުތައް ބުނާއިރު، އޭގެ ތެރެއިން ގިނަ މީހުންގެ ހާލު ސީރިޔަސް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަލް-ޝިފާ ހޮސްޕިޓަލަކީ ބަލި މީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުންގެ އިތުރުން، ޔަހޫދީންގެ ހަމަލަތަކުން ސަލާމަތްވާން ޢާންމުންގެ އެތަކެއް ސަތޭކަ ބަޔަކު ހިމާޔަތްކަން ހޯދަމުންދާ މަރުކަޒެކެވެ.
"ޔަހޫދީންގެ މިސައިލް ހަމަލަތައް އަމާޒު ކޮށްފައި ވަނީ އެމްބިޔުލާންސްތަކަށް. އެ ސަރަޙައްދުގައި އޮތް ގިނަ ޢަދަދެއްގެ އެމްބިޔުލާންސަށް މިސައިލް ހަމަލަތައް ދީފައިވޭ،" ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވިއެވެ. އެ ވަގުތު އެމްބިޔުލާންސްތައް ތައްޔާރުވަމުން ދިޔައީ، ޔަހޫދީންގެ ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް އިތުރު ފަރުވާ ދިނުމަށް އެ މީހުން ރަފަޙް ހުރަސް މަގުން މިޞްރަށް ގެންދިޔުމަށެވެ.
ޒަޔަނިސްޓު އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ އަލް-ޝިފާ ހޮސްޕިޓަލް ކައިރީގައި އޮތް އެމްބިޔުލާންސަކަށް މިސައިލް ހަމަލަތަކެއް ދިފައިވާ ކަމަށް އެއްބަސްވެފައެވެ. ޔަހޫދީ ފައުޖުން ބުނީ، އެމްބިޔުލާންސްތަކަށް ހަމަލަ ދީފައި ވަނީ، އެއިން އުޅަނދެއްގައި ހުރި ޙަމާސް ޖަމާޢަތުގެ މެންބަރެއް ޝަހީދު ކޮށްލުމުގެ ބޭނުމުގައި ކަމުގައެވެ.
ނަމަވެސް، އަލް-ޝިފާ ހޮސްޕިޓަލުން ވަނީ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އެ ހޮސްޕިޓަލާއި، އެ ތަނުގެ އެމްބިޔުލާންސް ފަދަ ވަސީލަތްތައް ބޭނުން ކުރަމުންދާ ނުދާ ކަމަށް ބުނެފައެވެ. ޙަމާސްގެ މެންބަރުން ޝަހީދު ކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ދަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް މި ފަދަ ރަޙުމު ކުޑަ ހަމަލަތައްދީ، ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން ޝަހީދު ކުރަމުންނެވެ.
އަލް-ޝިފާ ހޮސްޕިޓަލުގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގައި ހުންނަ އިންޑިނީޝިޔާ ހޮސްޕިޓަލް ކައިރިއަށް ވެސް ބޮން އަޅައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށް، އިތުރު ބަޔަކު ޒަޚަމު ކޮށްލާފައެވެ. އެ ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ސާފުވެފައި ނެތް ނަމަވެސް، ފަލަސްޠީނުގެ ރެޑް ކްރެސެންޓުން އެ ކަން ކަށަވަރު ކޮށްދެއެވެ. މީގެ އިތުރުން، އަލް-ޤުދުސް ހޮސްޕިޓަލަށް ވެސް ހަމަލަދީ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.
ޔަހޫދީ ފައުޖުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް މި އޮޕަރޭޝަން ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ