ރައީސް ސޯލިހް އާއި މައުމޫން ބައްދަލުކުރައްވަނީ

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ދެއްވި ދައުވަތާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްއާރްއެމްގެ ޒައީމު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުން ރައީސް ސޯލިހް އާއި މައުމޫން، ރައީސް އޮފީހުގައި މިހާރު ދަނީ ބައްދަލުކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށް ރައީސް ސޯލިހް ސިޓީފުޅެއް ފޮނުއްވެވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަކުރަން ނިންމާފައިވާތީ ކޯލިޝަން ކުރިއަށްގެންދާނެ ގޮތަކާ ގުޅޭ ގޮތުން ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާ މަޝްވަރާ ކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާތީ މިވަގުތު އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ދޮރު ބަންދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ