ދުބާއީ ކައިރީގައި އޮތް ބިޔަ ތެޔޮ ޓޭންކަރަކަށް އީރާނުން އިއްޔެ ދިން ހަމަލާއަކާ ގުޅިގެން މަސްރަހު ނުތަނަވަސްވެ، ތެލުގެ އަގު އުފުލިއްޖެ އެވެ.
ދުބާއީގެ އައްސޭރިފަށުން ތެޔޮ އުފުލާ ޓޭންކަރަކަށް ހަމަލާދީ ރޯކޮށްލާފައިވަނީ، އީރާނާ އެކު ކުރިއަށްދާ ހަނގުރާމައިގެ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅި އަލުން ނުހުޅުވައިފި ނަމަ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
ކުވެއިތުގެ ދިދަ ޖަހާފައިވާ، ގާތްގަނޑަކަށް 2 މިލިއަން ފީފާގެ ތެޔޮ އުފުލާ މި ޓޭންކަރަށް ހަމަލާދީފައިވަނީ ޑްރޯން ބޭނުންކޮށްގެންނެވެ. ކަމާބެހޭ އިދާރާތަކުން ފަހުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
މި ހާދިސާއަކީ ގަލްފް ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް އީރާނުން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ. މީގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
ޓްރަމްޕް އިއްޔެ އިންޒާރު ދެއްވި ގޮތުގައި، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ތެޔޮ ވަޅުތަކާއި އިންޖީނުގެތައް ހިމެނޭހެން އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރު ގޮއްވާލައި އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށެވެ.
އެމެރިކާގެ ހުށަހެޅުންތަކަކީ "ހަގީގަތާ ހިލާފު، ބުއްދިވެރި ނޫން އަދި ހައްދުފަހަނަޅާފައިވާ" ކަންތައްތަކެއް ކަމަށް ބުނެ އީރާނުން ވަނީ އެކަން ބަލައިނުގެންފަ އެވެ.
"އަޅުގަނޑުމެން މިތިބީ އަސްކަރީ ގޮތުން ކުރިމަތިވެފައިވާ އުދުވާނެއްގެ ދަށުގައި. އަޅުގަނޑުމެންގެ ހުރިހާ މަސައްކަތަކާއި ބާރެއް އަމާޒުކޮށްފައިވަނީ އަމިއްލަ ދިފާއަށް،" އީރާނުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ މި ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ދަނީ އަސަރު ކުރަމުންނެވެ. އެގޮތުން ތެލުގެ އަގު އުފުލުމާއި މުޅި ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ.
އީރާނުން ދުބާއީ ކައިރީގައި އޮތް ބިޔަ ތެޔޮ ބޯޓަކަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ