"އަމާޒަކީ ތަފާތުކުރުމެއް ނެތް މާހައުލެއް ފުލުހުންގެތެރޭގައި ޤާއިމްކުރުން"

އަމާޒަކީ ތަފާތުކުރުމެއް ނެތް މާހައުލެއް ފުލުހުންގެ ތެރޭގައި ޤާއިމްކުރުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޯލިސިންގ ކޮމިޓީ" ގެ ތިންވަނަ ދައުރު އިފްތިތާޚުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ މުޅި މުޖުތަމަޢު ރައްކާތެރިކޮށް އަމާންކަން ދެމެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުހައްމަދު ވިދާޅުވީ، ފުލުހުންގެ ކޮންމެ ދާއިރާއަކަށްބެލިކަމުގައިވިޔަސް، އަންހެން އޮފިސަރުންގެ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާކަމަށެވެ. އެގޮތުން، މުޖުތަމަޢާއި ގުޅިގެން މަސައްކަތްކުރުމުގައްޔާއި، ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާގުޅޭ ނާޒުކު މައްސަލަތަކުގައި އަންހެން އޮފިސަރުންނަކީ، އިތުބާރާއި ޔަޤީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއްކަމަށް ވިދާޅުވިއެވެ.
އަންހެން އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ އަހުމަދު މުޙައްމަދު ވިދާޅުވީ، އެ މުއައްސަސާގެ އަމާޒަކީ، އެންމެން ޝާމިލްވާގޮތަށް ފަރަޤުކުރުމެއްނެތް ހަމަހަމަ މާހައުލެއް ޤާއިމްކުރުންކަމަށެވެ.
އަދި ފުލުހުންގެ އިސް ސަފުގައްޔާއި، ނިންމުންތައް ނިންމާ މަރުޙަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް ފުރުސަތުތަކެއް ހޯދައިދިނުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ހަމަހަމަކަން އެންމެން ޝާމިލްވާ، ފަރަޤުކުރުމެއްނެތް މާހައުލެއް ފުލުހުންގެ ތެރޭގައި ޤާއިމްވެފައިއޮތުން. ފުލުހުންގެ އިސް ސަފުގައްޔާއި، ނިންމުންތައް ނިންމާ މަރުޙަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް އަންހެން އޮފިސަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލާއި، ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުއައްސަސާއިން އަބަދުވެސް އިސްކަންދޭނެކަމެއް". އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށްއޮތްތަނުގައި އަންހެން އޮފިސަރުންނަށް އައު މަގުތަކެއް ކޮށައިދީ، ފުލުހުންގެ މުއައްސަސާއަކީ އެންމެނަށްވެސް އެއްވަރަށް ފުރުސަތުއޮތް މާޙައުލަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ