ދިރާގުގެ ހިއްސާއަކަށް 8.70ރ ބަހަން ފާސްކޮށްފި

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 8.7ރ. ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާ ހޮޓެލް ޖެންގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ.މިއަހަރުގެ ދިރާގުގެ އަހަރީ އާންމު ޖަލްސާގައި 74،240،990 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. އަހަރީ އާންމު ޖަލްސާގައި ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ބެހުމަށް ހިއްސާދާރުންގެ ވޯޓުން ފާސްކޮށްފަ އެވެ. މީގެ ތެރޭގައި، 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނެ އެވެ.2025 ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %1.8 އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ހިތުމަތްތައް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަރޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ