ބީނޯޒް އެރީޒް، އާޖެންޓީނާ (ފެބްރުއަރީ 24) - އާޖެންޓީނާގެ ފުޓްބޯޅަ ރައީސް ކްލައުޑިއޯ ޓަޕިއާއާ ގުޅޭ 12.8 މިލިއަން ޑޮލަރުގެ މައްސަލައެއްގައި، ކޯޓުން އޭނާ ފުރުން މަނާކޮށްފި އެވެ.
އެކިއެކި ފަރާތްތައް މެދުވެރިކޮށް، 2024 އާއި 2025 ވަނަ އަހަރު ކުރުވާފައިވާ މަސައްކަތްތަކަކަށް، ސޯޝަލް ކޮންޓްރިބިއުޝަން ނަމުގައި ކަންކަން ކުރުވުމަށް ފަހު، ޓަޕިއާ ހިމެނޭ ގޮތަށް އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ އިސް އޮފިޝަލުން ވަނީ، އާޖެންޓީނާގެ ފައިސާ ޕެސޯސް އިން ނަމަ 19 ބިލިއަން އަށް ހިޔާނާތްތެރިވެފަ އެވެ. މިއީ، ޑޮލަރުން ބަލާނަމަ 12.8 މިލިއަން ޑޮލަރެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ އާޖެންޓީނާގެ ކަސްޓަމްސް ކަލެކްޝަން، ކޮންޓްރޯލް އެޖެންސީ (އާރްކާ) އިންނެވެ. މި މައްސަލަ ކޯޓުން ބަލައިގަނެ، ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައި އޮތީ މާޗް ފަސް ވަނަ ދުވަހު އެވެ. އަދި، ކޯޓުން އަމުރުނެރެފައިވަނީ އެ މުއްދަތުގެ ކުރިން، ޓަޕިއާ ހިމެނޭ ގޮތަށް އާޖެންޓީނާގެ އެފްއޭގެ ސީނިއާ އޮފިޝަލުންނަށް ގައުމު ދޫކޮށް ނުފުރޭނެ ކަމަށެވެ.
މިހާރު އޮތްގޮތުން، ޓަޕިއާ، އެންމެ އަވަހަށް ރަސްމީ ދަތުރެއް ކުރަން އޮތީ، މާޗް 27 ވަނަ ދުވަހު، ގަތަރުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފައިނަލިސިމާ މެޗަށެވެ. ކޯޓުގައި ޓަޕިއާގެ މައްސަލަ ދިގުލައިގޮސްފިނަމަ، އޭނާ އަށް ފައިނަލިސިމާ މެޗަށް ގަތަރަށް ދިއުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ޓަޕިއާ ހިމެނޭ ގޮތަށް މި މައްސަލައިގައި ކޯޓަށް ހާޒިރުވެ، ފަސް ފަރާތަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.
އާޖެންޓީނާ އެފްއޭގެ ރައީސް ކަމަށް އެންމެ ފުރަތަމަ 2016 ވަނަ އަހަރު އިންތިހާބުވެވަޑައިގަތް ޓަޕިއާ، ދެ ވަނަ ދައުރަކަށް މަގާމުގައި ދެމިހުންނެވުމުގެ ފުރުސަތު ހޯދީ މިދިޔަ އަހަރު އެވެ. އެ ގޮތުން، ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓެއް ނެތި، ޓަޕިއާ ނުކުންނެވި އިންތިހާބު ކާމިޔާބުކުރައްވައި، އޭނާ ވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް އިތުރު ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ.
އާޖެންޓީނާ ފުޓްބޯޅަ ރައީސާ ގުޅޭ 12.8 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް؛ ފުރުން މަނާ! އާޖެންޓީނާ ފުޓްބޯޅަ ރައީސާ ގުޅޭ 12.8 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް؛ ފުރުން މަނާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ