މިއަހަރު އަލަށް މުދައްރިސުކަން ކިޔަވާ 600 މީހުން، މިއީ ރިކޯޑް އަދަދެއް

މިއަހަރު އަލަށް މުދައްރިސުކަން ކިޔަވަން 600އަށް ވުރެ ގިނަ ދަރިވަރުން ފަށާފައިވާކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މުދައްރިސުންގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ދާއިރާއިން ދަރިވަރުން ތަމްރީނުކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ކަންތައްތަކާ ބޭހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ މުހިންމުކަމެއްގެ ގޮތުގައި އިސްކަންދީގެން މުދައްރިސުންނަށް ދޭންޖެހޭ ގަދަރާއި އިޙްތިރާމްވަނީ އަލުން އަބުރާ ހޯދާދީފައިވާކަމަށެވެ. އެގޮތުން މިގެ ކުރިން މުދައްރިސުންނަށާއި ޕްރިންސިޕަލުންނަށް ފިޔަވަޅު އަޅަމުން އައިނަމަވެސް މިދިޔަ އެއްހަރުގެ ތެރޭގައި އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިއަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދައްރިސުކަން ކިޔަވާ އަހަރުކަމަށެވެ. އެގޮތުން މިއަހަރު އަލަށް 600 އަށްވުރެ ގިނަ ދަރިވަރުން މުދައްރިސުކަން ކިޔަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ވޭތުވެދިޔަ 10 އަހަރާ އަޅާ ބަލާއިރު އިތުރު އަދަދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެއްވެސް ޕްރިންސިޕަލްއަކަށް އަދި އެއްވެސް މުދައްރިސަކަށް ފިޔަވަޅެއް އަޅާ އަދަބެއް ނުދެން. މި އައި އިތުބާރާ އެކު މަޑުމަޑުން މި ނިޒާމަށް ވަނުމަށް ޝައުގިވެރިކަން އުފެދެމުންދާކަން ފާހަގަކުރެވޭ" ޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް މިހާރުން މިހާރަށް 2400 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޕްރައިމަރީ މުދައްރިސުންގެ ގޮތުގައި 250 މުދައްރިސުން ބޭނުންވާކަމަށެވެ. ތަޢުލީމީ ދާއިރާއަށް މުދައްރިސުން އިތުރުކުރުމަށާއި ޚާއްސަކޮށް ދިވެހިން އިތުރުކުރުމަށް މުދައްރިސުން ތަމްރީންކުރުމުގެ ޤަޢުމީ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެ ޕްރޮގްރާމްގެ ދަށުން 135 ދަރިވަރަކަށް ވަނީ ސްކޮލަރޝިޕް ދީފައެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު މަދުވެގެން 150 ދަރިވަރުން ތަމްރީނު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް މަހަކު 1500 ރުފިޔާ ސްޓައިޕެންޑެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖައްސާފައެވެ. މިޕްރޮގްރާމްގެ ދަށުން މުދައްރިސުން ތަމްރީންކުރުމަށް ހަމަޖެހިފައިވަނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި ރަށްތައް ބަލައިގެން އެކަމަށް ޙައްލެއް އަންނާނެ ފަދަ ގޮތަކަށްކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ