ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާގެ ހުރިހާ ޓަވަރަކުން މިއަދު ފެނާއި ކަރަންޓު ކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - ހިޔާ ޓަވަރުތަކުގައި ދިރިއުޅެމުން އަންނަ ފަރާތަތްކުން ބުނާ ގޮތުގައި، ފެނާއި ކަރަންޓު ވެސް ކެނޑިފައިވަނީ މިއަދު 11:05 ހާއިރެވެ.
ސްޓެލްކޯގެ ބަސް - އެކަމާ ގުޅިގެން ސްޓެލްކޯ އިން ޓުވިޓާގައި ބުނީ ހިޔާގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިފައިވަނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަށް ގެއްލުން ލިބިގެން ކަމަށެވެ. އެގޮތުން، އެ ކުންފުނިން ބުނީ:
ކޭބަލަށް ގެއްލުން ވެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކު އެ ސަރަހައްދު ކޮނުމުގެ ތެރޭގައި
ކޭބަލް މަރަމާތުގެ މަސައްކަތް ކުރަމުން އެބަދޭ
ސްޓެލްކޯގެ ތަރުޖަމާނު އަހުމަދު މުހައްމަދު 'ދައުރު'އަށް ވިދާޅުވީ ކޭބަލް މަރާމާތު ކުރަން ގިނަ ވަގުތު ހޭދަވާނެތީ އެހެން ރޫޓެއްގެ ކޭބަލެއް ގުޅައިގެން ވީހާ ވެސް އަވަހަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ދެ ގަޑިއިރު ތެރޭގައި ކަރަންޓު ދެވޭތޯ،" އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ބަސް - އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހިޔާ ފްލެޓްތަކުން ފެން ކެނޑިފައިވާ ކަމުގެ ދެ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، ފެން ނުލިބެނީ އެމްޑަބްލިއުއެސްސީގެ މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި ފެނުގެ ހިދުމަތް ކެނޑިފައިވަނީ ބޫސްޓަރު ޕަމްޕުތަކަށް ކަރަންޓު ނުލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - ހިޔާ ފްލެޓް ސަރަހައްދުގައި އަޅާފައިވާ ފެން ހޮޅިއަކަށް ގެއްލުން ލިބިގެން މިދިޔަ މަހު ވެސް ހިޔާގެ ހަތަރު ޓަވަރަކުން ފެނުގެ ހިދުމަތް ކެނޑިފައިވެ އެވެ.
ހިޔާ ފްލެޓުތަކުގައި 30،000 އެއްހާ މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، މި އަހަރުގެ ކުރީކޮޅު ވެސް އެ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ކަރަންޓް ކޭބަލެއް ބުރިވެ، ގާތްގަނޑަކަށް ހުރިހާ ޓަވަރަކުން ކަރަންޓާއި ފެން ވެސް ކެނޑިފައިވެ އެވެ.
ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ