ދެން އެންމެ އަވަހަށް ބޮޑުވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ: ރައީސް

ދެން އެންމެ އަވަހަށް މުސާރައިގެ ކުރިއެރުން ލިބޭނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
3 ވަނަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެކި ދާއިރާތަކުން ލިބޭ އާމްދަނީ ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
މިގޮތުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ގެނައި ބަދަލުތަކަށް ފަހު، ދެން އެންމެ އަވަހަށް މުސާރައިގެ ހެޔޮ ބަދަލު ލިބޭނީ ސިއްހީ ދާއިރާ އަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާ ކުރިއަރުވަން ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން އެ ދާއިރާއިން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، މޮބައިލް ލެބޯޓްރީގެ ހިދުމަތް ލިބެން ނެތް ދާއިރާތަކަށް އެ ހިދުމަތްތައް ތައާރަފްކޮށް، ސިއްހީ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާ ކަން އާންމުކޮށް އިއުލާން ކޮށްފައި ވަނީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.
ސުކޫލު ޓީޗަރުންގެ ގޮތުގައި ތިބި 6815 މުވައްޒަފުންގެ ތެރެއިން ވަކި ވަކި ރޭންކުތަކުގެ ތެރެއިން ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 ޕަސަންޓުގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 ޕަސަންޓުގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 ޕަސަންޓުގެ ބަދަލެއް ވަނީ އައިސްފައެވެ.
މީގެ އިތުރުން ލީޑިން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑުކޮށް މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ