އިބްރާހިމް މަނިކާއި ޒާހިދާ އިބްރާހިމަށް ބްރޯޑްކާސްޓިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު

ބްރޯޑްކާސްޓިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، އެ ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) އާއި ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ޒާހިދާ އިބްރާހިމް (ޒާހިދާއްތަ) އަށް މިރޭ ދީފި އެވެ.މިރޭ ކުރިއަށްދިޔަ ބްރޯޑްކާސްޓިން އެވޯޑް ހަފްލާގައި ލައިފް އެޗީވްމަންޓް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ބްރޯޑްކާސްޓިން ދާއިރާގައި ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައި އެ ދާއިރާ އަށް ގިނަ ބަޔަކު ނެރުއްވައިފަ އެވެ.މިރޭގެ ހަފުލާގައި ދެއްކި ރިޕޯޓުގައި ބުނިގޮތުގައި، މިހާރު އުމުރުން 72 އިބްރާހިމް މަނިކުގެ ހަޔާތުގައި އެންމެ ހިތްދަތި ދުވަސްތަކަކީ ބްރޯޑްކާސްޓިން ދާއިރާ ދޫކުރައްވައި ދުރުގައި ހުންނަވަން ޖެހިވަޑައިގެންނެވި ފުރަތަމަ ހަފުތާ އެވެ. ނިދިއްކުރެއްވުމެއް ނެތި، ހަފުތާއެއް ވަންދެން އެ ފިކުރުގައި އޮންނަވަން ޖެހިވަޑައިގެންނެވި ކަމަށް އިބްރާހިމް މަނިކާ ހަވާލާދީ ރިޕޯޓުގައި ބުންޏެވެ.ޒާހިދާ ބްރޯޑްކާސްޓިންގެ ހިދުމަތާ ގުޅިވަޑައިގަތީ 1968 ވަނަ އަހަރު އެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑުގެ އެނައުންސަރެއްގެ އިތުރުން ވަރަށް ގިނަ ޕްރޮގްރާމްތައް އަމިއްލަ އަށް އުފައްދައިފަ އެވެ. ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވައި އެ ދާއިރާ އަށް ފަންނީ ގިނަ ބަޔަކު ނެރުއްވި އެވެ.އޭޕްރީލް 2008 ގައި ދިވެހިރާއްޖޭގެ އަޑުން ވަކިވެވަޑައިގެންނެވިއިރު އޭނާ ހުންނެވީ އެ ތަނުގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އޭގެ ފަހުން ސަން އެފްއެމްގައި ޑިރެކްޓަ ޖެނެރަލެއްގެ މަގާމު އަހަރަކަށް ވުރެ ގިނަ ދުވަހު ފުރުއްވި އެވެ.ކުޑަކުދިންގެ މެދުގައި މަޝްހޫރުވި "އެބައުޅޭމިބައުޅޭ" ގެ މޭސްތިރިޔާ ޒާހިދާ ވަނީ މީގެ ދުވަސްވަތަކެއް ކުރިން އުމުރުން 58 އަހަރުގައި އަވަހާރަވެފަ އެވެ. ޒާހިދާގެ އާއިލާގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ ދަރިކަނބަލެއް ކަމަށްވާ އާއިޝަތު ޝިއާރާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ