"ރައީސްގެ ޖަވާބު" ހޯދަން ސުވާލު ފޮނުވުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލަނީ

އާންމު ރައްޔިތުންނަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ސުވާލު ދެންނެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ކޮންމެ މީހަކަށްވެސް ސުވާލު ފޮނުވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ އޮފީހުން ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ސުވާލު ކުރުމުގެ ފުރުސަތު އާއްމުކޮށް ލިބެނީ ރައީސް އޮފީހުގެ މުވައްޒަފުން މަގުމައްޗަށް ނިކުމެ ސުވާލު ކުރާ ފަރާތްތަކަށާއި ރައީސުލްޖުމުހޫރިއްޔާ ވަޑައިގަންނަވާ ރަށްރަށުން ދިމާވާ ފަރާތްތަކަށްކަމަށެވެ. އެހެންކަމުން ރައީސްގެ ޖަވާބު ޕްރޮގްރާމްގެ ތެރެއިން ސުވާލުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
"ހަމަ ހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށްވެސް ހޯދައި ދިނުމުގެ ގޮތުން، އަދި ހަމައެއާއި އެކީގައި ވީހާވެސް ގިނަ ފަރާތްތަކައް ރައީސުލްޖުމުހޫރިއްޔާއާއި ސުވާލު ކުރުމުގެ ފުރުސަތު ތަނަވަސް ދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މިމަސައްކަތް ކުރަނީ، ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށް ފޮނުވޭނެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި " ހީނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމާގެ އިތުރުން ސަރުކާރުން ދަނީ "އަހާ" ފޯރަމްގެ ނަމުގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަމުންނެވެ. އޭގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ކުރިއަށް ގެންދިޔަ "އަހާ" ފޯރަމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ