ފިލިޕީންސްގައި ކުރިއަށްދިޔަ ޔޫތު ކޯ-ލެބް ސަމިޓުގައި ބީސީސީން ބައިވެރިވެއްޖެ

ފިލިޕީންސްގައި ކުރިއަށްދާ ޔޫތު ކޯ-ލެބް ސަމިޓް 2024 ގައި ކުރިއަށްދާ މަޝްވަރާތަކުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބައިވެރިވެއްޖެއެވެ.
މިމަހުގެ 26 އިން 28 އަށް ކުރިއަށްދިޔަ މި ސަމިޓުގައި، ޒުވާނުންނަށް ވިޔަފާރިއާ ގުޅުންހުރި އެކި ދާއިރާތަކުން ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ވަނީ ކޮށްފައެވެ. މި ސަމިޓުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ފަރާތުން ބައިވެރިވެފައިވަނީ، ޑިރެކްޓަރ ކޮމާޝަލް، މުޙައްމަދު ޖައުޝަނެވެ.
މި ސަމިޓަކީ، ރާއްޖޭގެ އިޤްތިޞާދުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ގުޅިގެން ކުރަމުންދާ މަސައްކަތައް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ބީސީސީން ބުނެެއެވެ.
"ޔޫތު ކޯ-ލެބް" ސަމިޓަކީ ޔޫ.އެން.ޑީ.ޕީ އަދި ސިޓީ ފައުންޑޭޝަން ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ސަމިޓުގެ ބޭނުމަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ވިޔަފާރިވެރިން އެއްތަންކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމެވެ. މި ސަމިޓުގެ މިއަހަރުގެ ތީމަކީ "އިންކްލޫސިވް އެންޓަޕްރިނިއަރޝިޕް" އެވެ.
ސަމިޓުގެ ތެރޭގައި ވޯކް-ޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އެހެން ޒުވާން ވިޔަފާރިވެރިންނާއި ބައްދަލުކޮށް ގުޅުން ޤާއިމްކޮށް ހިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބީސީސީން ބުނެއެވެ. އަދި ސަމިޓުގެ ތެރެއިން އެކި ސަރުކާރުތަކުގެ މަންދޫބުންނަށް ޚާއްސަކޮށް ޒުވާން ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާއި އެކަމުގެ ސިޔާސަތުތައް ކަނޑައެޅުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ