ޑޮލަރު ހޯދާދޭނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ އިތުރުވެއްޖެ – ފުލުހުން

ޑޮލަރު ހޯދާދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތަށް ދަނީ ގިނަވަމުންކަމަށާއި މިކަމަށް ރައްޔިތުން ސަމާލުވެ ތިބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މިދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސް ވަރަކަށްވެފައި، ގިނަ އާއިލާތަކަކުން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭން ބޭރަށްދާ ދުވަސް ވަރަކަށް ވާތީ ގިނަ އަދަދެއްގެ ބަޔަކު ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައިކަމަށާއި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންދާ މިދުވަސްވަރު، ޑޮލަރު ހޯދާދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލައި، މައްސަލަތައް ހުށަހެޅެމުންދާ މިންވަރު އިތުރުވަމުން ދާތީ ފައިސާގެ މުޢާމަލާތްތައް ހިންގުމުގައި މިހާރަށްވުރެ އިތުރަށް ރައްޔިތުން ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި ޑޮލަރު ހޯދާދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަމުންދާ މިފަދަ މީހުން ޑޮލަރު ހޯދާދޭނެކަމަށްބުނެ ފައިސާ ދިނުމަށް ގިނަ ފަހަރަށް އެދެމުން ދަނީ މަގުމަތިން އެކަނި ހިނގާފައިދާ މީހުން ކައިރިންކަމަށާއި އަދި މިފަދަ މީހުން އޮޅުވާލައިގެން ގިނަ ފަހަރަށް ފައިސާ އަތުލަމުން ދަނީ މަގުމަތިން އެކަނި ހިގާފައިއުޅޭ މީހުން އެމީހުންގެ ސައިކަލްގެ ފަހަތުގައި މީހުން މަދު ހިސާބުތަކަށް ގެންގޮސްގެން ކަންވެސް ވަނީ ފާހަގަކުރެވިފައިކަމަށެވެ.
މަކަރާއި ހީލަތުން ފައިސާ ނަގަމުންދާ މިމީހުން ރައްޔިތުންގެ އަތުން ފައިސާ އަތުލުމަށްފަހު ޑޮލަރު ހޯދަދިނުމަށްފަހު ގުޅާނެކަމަށް ބުނެ މޮބައިލް ނަންބަރުދީ ފައިސާދޭ މީހާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަމުންދާކަން ފާހަނގަކުރެވިފައިވާ ކަމަށާއި އަދި މިފަދަ މީހުން ގުޅޭނެކަމަށް ބުނެ ދޭ މޮބައިލް ނަންބަރުތައް ގިނަފަހަރަށް ނަގާފައިވަނީ ބިދޭސީންގެ ނަންމަތީގައިކަންވެސް ފުލުހުން ހާމަކުރެއެވެ.
ޑޮލަރު ހޯދާދޭނެ ކަމަށްބުނެ ފައިސާ އަތުލަމުންދާ ގިނަމީހުން ތިބެނީ ޑީސެންޓްކޮށް ދަށަށްޖަހައި، ޖީބަށް ގަލަންޖަހާ، އެމީހަކީ ވަރަށް ފޯރާ ފައިސާގެ ތަނަވަސްކަންހުރި މިފަދަ ފައިސާގެ މުޢާމަލާތްތައް ޢާންމުކޮށް ކޮށްއުޅޭ މީހެއް ގޮތަށް ސިފަވާގޮތަށް ހެދުން އަޅައިގެން ކަންވެސް ފުލުހުން ބެލިބެލުންތަކުން ފާހަނގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޑޮލަރު ހެދުމަށް ކިތަންމެ ބޮޑަށް ބޭނުންވީނަމަވެސް ނުވަތަ ފައިސާގެ އެހެން މުޢާމަލާތްތައް ކުރުމުގައިވެސް ތިމާ ނުދަންނަ މީހުންގެ އަތަށް ފައިސާ ނުދިނުމަށާއި އަދި ފައިސާގެ މުޢާމަލާތްތައް ކުރާއިރު އެމީހާއަކީ ކާކުކަން އެނގޭފަދަ ރަސްމީލިޔުމަކުން ކާކުކަން ދެނެގަތުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިގޮތަށް ފައިސާގެ މުޢާމަލާތް ހިންގާއިރުވެސް ޑޮލަރު ހޯދާދޭނެކަމަށް ބުނާ މީހާ ބުނާތަނަކަށް ދިއުމުގެ ބަދަލުގައި ފައިސާގެ މުޢާމަލާތް ހިންގާ ފަރާތުގެ ގާތް ބަޔަކު ހެކިންގެ ގޮތުގައި ތިބެގެން ފައިސާގެ މުޢާމަލާތް ހިންގާ ފަރާތުން ބޭނުންވާ ތަނެއްގައި އެފަދަ މުޢާމަލާތްތައް ކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ