އަތޮޅުތެރޭ ރައްޔިތުން ސަރުކާރުގެ ތަފާތުކުރުންތަކާއި ދެކޮޅަށް ސޯޝަލް މީޑިޔާ ގުގުމާލާފައި !!

ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ އަތޮޅުތަކަށް ނިސްބަތްވާ މީހުންކަމުގައިވިޔަސް ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ރޭވިގެން ހިންގަމުންދަނީ އަތޮޅުތަކާއި ދެކޮޅު ސިޔާސަތެއްގެ ގޮތުގައި ކަމަށް އަތޮޅުތަކަށް ނިސްބަތްވާ ގިނަބަޔަކު ސޯޝަލް މީޑިޔާތަކުގައި އަބަދު ސިފަކުރެއެވެ.
ރަށްރަށަށް ސަރުކާރުގެ އަޅާލުން ކުޑަވާހަކައަކީ ކުރިން ރަށުގެ އަތިރިމަތީ ހުންނަ ހޮޅުއަށްޓާއި ހިސާބުން ނިންމާލާ ވާހަކައެކެވެ. ސަރުކާރުގެ އިއްޒަތްތެރިން ރަށަށް ވަޑައިގަންނަވާއިރު އެފަދަ ވާހަކައެއް ބުނެލަންކެރޭ މީހަކު އޭރު ނުވެސް ހުންނަނީއެވެ. ގިނަފަހަރު އެފަދަ ބޭފުޅުން ރަށްތަކަށް ވަޑައިގަންނަވަންވާއިރަށް ނިކަމެތި ރައްޔިތުން ނިކުމެ ރަށްތައް އޮންނަނީ ވަރަށްވެސް ޒީނަތްތެރިކޮށްފައެވެ.
ނަމަވެސް މިހާރު މިވަނީ ހާލަތު ބަދަލުވެފައެވެ. ގައުމަށް އައި ތަރައްޤީ އާއި ތަހުޒީބުން ރަށްރަށުގެ އުމްރާނީ ތަރައްޤީ އާއި ހިދުމަތްތަކަށް އެއްވެސް ކުރިއެރުމެއް ނުލިބުނަސް، އަތޮޅުތެރޭގެ ރައްޔިތުންނަކީ ގުޅިލާމެހިފައިވާ ދުނިޔޭގައި މިހާރު ހޭލުންތެރި ތަޢުލީމީ ބައެކެވެ. ސަރުކާރުން ކޮށްދޭންޖެހޭ ކަންތަކާއި ލިބެން ހުންނަންޖެހޭ ހިދުމަތްތައް އެމީހުންނަށް މިހާރު އޮޅިފަކާނެތެވެ.
ވަޒީފާއެއް ލިބޭނީ ހަމައެކަނި މާލެއަށް ގޮސްގެންކަމަށް ރުހިގެން ޤަބޫލުކުރި ޒަމާނެއް ދިޔަޔަސް، މިހާރު ރައްޔިތުންގެ ވިސްނުމަކީ އެއީއެއް ނޫނެވެ. މާލެއަށް އައިސްފައިވާ ތަރައްޤީ އަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގެނެވިދާނެ ތަރައްޤީއެއް ކަމަށް ހުރިހާ އަތޮޅެއްގެ ރައްޔިތުން ޤަބޫލުކުރެއެވެ. އަދި ސަރުކާރުން ގެންގުޅޭ ތަފާތުކުރުން ތަކަށް ނޫނެކޭބުނެ އަތޮޅުތަކަށް ނިސްބަތްވާ ފަރާތްތަކުން މިވަނީ އަޑު އުފުލަންވެސް ފަށާފައެވެ.
ފޭސްބުކްފަދަ ސޯޝަލް މީޑިޔާތަކުގައި ތަފާތު އެކި ޕޭޖުތައް ހަދައިގެން އަތޮޅުތަކަށް ނިސްބަތްވާ ޒުވާނުން މިވަނީ އަތޮޅުތެރޭ ރައްޔިތުންނަށް ތަފާތުކުރުންތަކުގެ ހަޤީޤަތް އިތުރަށް ކިޔާދިނުމަށް އަވަދިނެތި އުޅެންފަށާފައެވެ. ބައެއް ޕޭޖުތަކުން ވަކި ސަރަހައްދުތަކެއްގައި ދިރިއުޅޭ ރައްޔިތުންގެ ހައްޤުގައި އަޑުއުފުލަމުންދާއިރު އަނެއްބައި ޕޭޖްތަކުން ޖުމުލަކޮށް ހުރިހާ އަތޮޅުތަކެއްގައި ދިމާވެފައިވާ މައްސަލަތައް ފާހަނގަކޮށް ހައްލުކުރުމަށް ގޮވާލަމުންދެއެވެ.
އަތޮޅުތެރެއަށް ނިސްބާތްވާ ޒުވާނުންގެ މި މަސައްކަތަށް ލިބެމުންދާ ތާއިދު ވަޒަންކޮށްލެވެނީ އެފަދަ ޕޭޖްތަކަށް ލިބެމުންދާ ތަރުހީބުންނެވެ.ބައެއް ޕޯސްޓްތަކަށް ކޮށްފައިވާ ކޮމެންޓްތަކުންނާއި، ލައިކްތައް ލިބިފައިވާ ޢަދަދުތަކަށް ބަލާލުމުން މި މަސައްކަތަކީ އާންމުން ބަލައިގަންނަ މަސައްކަތެއްކަން ސާފުވެއެވެ. ޔަޤީންވާ އެއްކަމަކީ މިފަދަ ޕޭޖެއް ހިންގުމަކީ ކުޑަމަސައްކަތެއް ނޫންކަމެވެ. އެހެންކަމުން ހިލޭސާބަހަށް އެކުރަމުންދާ މަސައްކަތަކީ ހަމަ ގައިމުވެސް ހެޔޮބަދަލެއްގެ އުންމީދުގައި ކުރަމުންދާ މަސައްކަތެކެވެ.
ތިލަދުންމަތީގެ ރަށްތަކަށް ދިމާވެފައިވާ މައްސަލަތައް ފާހަނގަކޮށް އެންމެ ހިންގުންތެރިކަމާއި އެކު އަޑު އުފަލުމުންދާ އެއް ފޭސްބުކް ޕޭޖަކީ ތިލަދުންމަތި ޕޭޖެވެ. ސައްބީސް ހާސް މީހުންގެ އާބާދީއެއް އޮންނަ ހދ އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ މެދުކެނޑުމެއްނެތި ދައްކަމުންދާ އެއްބަޔަކަކީ މިއީއެވެ. ރާއްޖޭގެ ބޮޑެތި ޚަބަރުފަތުރާ ވަޞީލަތްތަކުން ހަނދާންނެތިފައިވާ ވަރަށް ގިނަ ވާހަކަތައް މި ޕޭޖުގެ ޒަރީޔާއިން ފެނިގެންދެއެވެ.
ރަށްތަކުގެ ހާލަތު މިޕޭޖުން ސިފަކޮށްދީފައިވަނީ ވަރަށްވެސް ފުރިހަމަކަމާއެކުއެވެ. ކުޅުދުއްފުށީ މަގުތަކުގެ ފެންވަރު ކިޔާދިނުމަށް ކޮށްފައިވާ ޕޯސްޓެއްގައި "ކުޅުދުއްފުށީ ހޮސްޕިޓަލުން ނިކުމެގެން ދުއްވާފަދާއިރު ހީވަނީ ކަނޑުގަދަ ދުވަހެއްގައި ބަރަވެލި ކަނޑުގައި ދުއްވާފަދާހެން.. ނަގާލާފަޖަހާއިރު ބަނޑުގަ އޮންނަ ދަރި ވެއްޓޭވަރުވޭ" މިފަދައިން ބުނެފައިވެއެވެ. ތިލަދުންމަތި ޕޭޖުގައި ވާ ފޮޓޯ މެސެޖެއް
މީގެ އިތުރުންވެސް ރާއްޖޭގެ ވެރިންގެ ސިޔާސަތަކީ ވެރިކަން ކުރާ ރަށަށް ރަށްރަށުން މީހުން ގެނައުމުގެ ސިޔާސަތެއްކަމާއި، އެކަން ބަދަލުކުރުމަށް ރައްޔިތުން ކެރިގެން ނިކުތުމުށް މި ޕޭޖުން އަބަދުމެ ގޮވަމުންދެއެވެ. ގައުމުގެ ޓޫރިޒަމް ފުޅާވަމުން އަންނަ ވާހަކަ ސަރުކާރުން އަބަދު ދައްކާއިރު 26000 މީހުންގެ އާބާދީއެއް އޮންނަ ހދ އަތޮޅުގައި މިހާތަނަށް އެންމެ ރިސޯޓެއް ތަރައްޤީ ކުރެވިފައިނުވާ މައްސަލަފަދަ މުހިންމު ކަންކަން މިޕޭޖުން މީހުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.
މިފަދަ ޕޭޖުތަކުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ހަގީގަތުގައިވެސް އަތޮޅުތެރޭ ރަށްރަށުގެ ހާލަތު ފެނިގެން ދެއެވެ. އެ އަތޮޅެއްގައި 16 ރިސޯޓު ހިންގަމުން އަންނަ އދ އަތޮޅު ރަށެއްގެ ސިއްޙީ މަރުކަޒުގައި މިދިލި ދަނޑިބުރިއެއް އައިވީ ސްޓޭންޑަކަށް ބަހައްޓާފައި ހުރި މަންޒަރު ފެނުމުން އެއީ ހަޤީޤަތް ކަމާއިމެދުވެސް ޝައްކުވެދާނެއެވެ. އެއީ 16 ރިސޯޓުން ދައުލަތަށް ލިބޭ އާމްދަނީގެ ބައިކުޅަ ބައެއް އެ އަތޮޅަށް ހޭދަކުރިޔަސް ހާލަތު އެހެން ނޯންނާނެކަން ޔަޤީންވާތީއެވެ.
މީގެއިތުރުން ރާއްޖެތެރޭ މީހުންގެ ޕާޓީގެ ނަމުގައި 29000 މީހުން ލައިކް ކޮށްފައިވާ ޕޭޖަކީވެސް ފާހަނގަކޮށްލެވޭ ޕޭޖެކެވެ. ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް އިލްމީ ފާޑުކިޔުންތައް ފެނިގެންދާ މި ޕޭޖުގެވެސް މައިގަނޑު މަސައްކަތަކީ އަތޮޅުތަކަށް ތަރައްޤީ ގެނައުމަށް އަޑު އުފުލުމެވެ.
އަތޮޅުތަކަށް ނިސްބަތްވާ މީހުން މާލޭގައި ދިރިއުޅެމުންދާ ވޭންދެނިވި ދިރިއުޅުމުގެ ވާހަކަ އާއި، މާލޭ ބިންވެރިންގެ އަޅުންގެ ގޮތުގައި އުޅެންޖެހިފައިވާ ދިރިއުޅުމުގެ ވާހަކައިން މި ޕޭޖުތައް ވަނީ ފުރިފައެވެ.
މިހުރިހާ ކަންކަމަށްވުރެ މިފަދަ ޕޭޖުތަކަށް ޝައުގުވެރިކަން އިތުރުވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީ ފިކުރުތައް އެއްކައިރިކޮށް، ރަށްރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުމަށް ގޮވާލަމުން ދިއުމެވެ. ވަކި ސިޔާސީ ފިކުރަކަށް ތާއިދު ނުކުރުމަކީ މި ޕޭޖުތަކުން ހިންގާ ކެމްޕެއިންގެ އެއް އަޒުމް ކަމަށްވެސް ވެދާނެއެވެ.
މިފަދަ ބައެއް ޕޭޖުތައް ހިންގުމަށް ހަރަކާތްތެރިވާ ޒުވާނަކު "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު އުޖާލާ މަންޒިލެއްގެ ކޮޅުމަތި ފެންނަން ފަށައިފި ކަމުގައެވެ. އަދި ރާއްޖެތެރޭ މީހުންނަށް އުފުލަންޖެހިފައިވާ ބުރަ ތަޖުރިބާ ކޮށްފައިވާ ގިނައަދަދެއްގެ މީހުން ކެމްޕެއިންގައި ބައިވެރިވަމުންދާ ކަމަށް އެފަރާތުން މައުލޫމާތުދިނެވެ. އަދި ކުރިއަށް އޮތް މުސްތަޤްބަލުގައި ވޯޓާ ކައިރިވުމުން ހަމައެކަނި ހުވަފެނެއް ދެއްކުމަކުން އަތޮޅުތައް ނުހެއްލޭނެކަމަށް އެފަރާތުން ޔަޤީންކަން ދިނެވެ.
" ސަރުކާރުން ސަމާލުކަން ދޭންޖެހޭ ކަމަކީ ރާއްޖޭގެ ބޮޑުބައިއޮތީ އަތޮޅުތެރޭގައި ކަން. އަހަރެމެން އެންމެން އެކައްޗެއް ކިޔާފަ ނިކުންނަ ދުވަހެއް އަދި އަންނާނެ." އެފަރާތުން އިތުރަށް ބުނިއެވެ.
މިއީ ސަރުކާރުން ވަރަށް ވިސްނަންޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައި އެކައްޗެއް ކިޔާފަ އެކަތިގަނޑަކަށްވެގެން ނިކުމެއްޖެނަމަ ކުރާނެ ކަމެއް ނޯންނާނެއެވެ. މިހާރު މިއޮތީ އެދުވަސް ވަރަށް ކައިރީގައި ކަމުގައިވެސް ދެންނެވިދާނެއެވެ. އެއީ މިފަދަ ހަރަކާތެއް މިގޮތަށް ރާއްޖޭގައި ކުރިން ކުރިއަށްގެންދެވިފައި ނެތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ